ޢަލީ ވަޙީދު - ފޮޓޯ: ޓްވިޓާ

ޢަލީ ވަހީދު ވީތަނެއް ދަޢުލަތަކަށް ނުހޯދުނު

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު މިހާރު ދިރިއުޅުއްވާ ތަނެއް ސަރުކާރަށް ނޭންގުނުކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ހައިކޯޓުން ވަނީ ޢަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށް ޕީޖީ އޮފީހުގައި އެދިފައެވެ.ި ޕީޖީ އޮފީހަށް ދިން މުއްދަތުގައި ޢަލީ ވަހީދު މިހާރު އުޅުއްވާ ތަނެއް ހޯދިފައި ނުވާކަމުގައި އެފަރާތުން ވަނީ ހައިކޯޓަށް އަންގާފައެވެ.

ހައިކޯޓުން ޢަލީ ވަހީދު އުޅުއްވާ އެޑްރެސް ހޯދަން އަންގާފައި ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް އެކޯޓަށް ހުށައަޅާފައިވާތީއެވެ.

ޢަލީ ވަހީދު އުޅުއްވާ ތަނެއް ނޭންގުމުން ހައިކޯޓުން ވަނީ އެ ދަޢުވާ ބާޠިލް ކޮށްފައެވެ. ނަމަވެެސް ޢަލީ ވަހީދު އުޅުއްވާ ތަނެއް އެނގުމުން އަލުން އެ މައްސަލަ ހުށައެޅުމުގެ ފުރުޞަތު ޕީޖީ އޮފީހަށް ލިބިގެންވެއެވެ.

ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ އަންހެން މުވާއްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލާފައިވާތީއެވެ. އެގޮތުން ދަޢުލަތުން ވަނީ މި މައްސަލާގައި ޢަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް އުފުލާފައެވެ.

ނަމަވެސް ޢަލީ ވަޙީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރު ކޮށްފައެވެ.

އެކޯޓުން ޢަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި އިރު، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެސްވެފައެވެ. އެގޮތުން ހަތަރުމަސްތެރޭގައި ޢަލީ ވަހީދު ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ