ކުއްޖަކާ ބެހިގެން 2 އަހަރުކުރިން ކުރި 15 އަހަރުގެ ޖަލު ޙުކުމެއް ބާތިލްކޮށްފި

މީގެ ދެ އަހަރު ކުރިން ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލާން މީހެއްގެ މައްޗަށް ކުރި ހުކުމެއް ހައި ކޯޓުން ބުދަ ދުވަހު ބާތިލްކޮށްފި އެވެ.

ދެކުނުގެ އަތޮޅު ރަށެއްގައިމި ހާދިސާ ހިނގާފައިވާއިރު، މައްސަލަ ހުށައަޅާފައިވަނީ، ދޮންދަރިއަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެއެވެ.

މި މައްސަލާގައި މެޖިސްޓްރޭޓް ކޯޓަކުން ކޮށްފައި އޮތް ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ދައުވާ ލިބުނު މީހާ ދައުވާ އަށް އިންކާރު ކުރި ކަމުގައި ވިޔަސް، ކުށް ސާބިތުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކިތަކުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

ކުށްވެރިވި މީހާ ހައި ކޯޓުގެ އިސްތިއުނާފުގައި ބުނެފައިވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެކަށީގެންވާ ހެކި ނެތި ކަމަށެވެ. އަދި ހުކުމް ކުރުމުގައި، މީގެ ކުރިން ހައި ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނު އަސާސީއާ ވެސް ހިލާފު ވެފައިވާ ކަމަށް އިސްތިއުނާފުކުރި މައްސަލާގައި ވަނީ ބުނެފަ އެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، ކުށް ސާބިތުކުރަން ހުށަހެޅި މެޑިކޯ ލީގަލް ކޭސް ރިޕޯޓުން ވެސް ޖިސްމާނީ އަދި ޖިންސީ ހާނީއްކައިގެ ނިޝާނެއް ފެންނަން ނެތް ކަމަށް ބަޔާނާކޮށްފައިވާ ކަމަށާއި ފެންނަން ހުރި ނިޝާންތަކަކީ ޖަރާސީމު އުފެދުމުގެ ސަބަބުން ވެފައި ހުރި ގޮތެއް ކަމަށެވެ.

އފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން މި މައްސަލާގައި ކުރި ތަހުގީގުގައި، ދޮންބައްޕަ ޖިންސީ ގޯނާކުރާ ކަމަށް ކުއްޖާ ދިން އޯޑިއޯ އަދި ވީޑިއޯ ބަޔާނުގެ ފައިލްތައް ފަހުން ނުހުޅުވުނު ކަމަށްވެސް ހުކުމްގައި ބަޔާންކޮށްފައިވެއެވެ. އަދި ކުއްޖާއާ އަލުން ސުވާލުކުރުމުން، ކުރިން ދެއްވި ވާހަކަ އެ ގޮތަށް ދައްކާފައި ނެތްކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ޖިންސީ ގޯނާކުރުމުގެ ގޮތުން ކުރި ކަމަށް ކުއްޖާ ބުނާ ކަންކަމާ މެދު ސުވާލު އުފެދޭ ކަމަށާއި ހެކި ބަސް ދިން އެހެން މީހުން ވެސް އެކަމާ ބެހޭ ގޮތުން ހެކި ބަސް ދިނީ ކުއްޖާ އެންމެ ކުރިން ބުނި ބުނުމުގެ މައްޗަށް ކަމަށް ވާތީ އެ ހެކިބަސްތަކަކީ މުސްތަގިއްލު، ވަކި ހެކި ކަމުގައި ބެލެވެން ނެތް ކަމަށް ފަނޑިޔާރުން ވަނީ ނިންމަފައިވެ.

ކުއްޖާގެ މަންމަ ހެކިބަސް ދީފައިވާއިރު ބުނެފައިވަނީ، ހާދިސާ ހިންގި ކަމަށް ބުނާ ދުވަހު ކުއްޖާގެ ގައިގައި ދޮންބައްޕަ ފަހަތުން ބެއްދުން ފިޔަވައި އެއްވެސް ކަމެއް ކުރިކަމަށް ކުއްޖާ ނުބުނާ ކަމަށެވެ.

މިގޮތަށް މިކަން ހިނގުމާ ގުޅިގެން، މި މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އިއްތިފާގުން ނިންމެވީ، 15 އަހަރުގެ ޖަލު ހުކުމް ޝައުރީ، ގާނޫނީ އުސޫލުތަކާ ހިލާފުވާތީ ބާތިލް ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް