މުޅިން އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދުގެ ފުރަތަމަ ފިލްމު "ބަވަތި" ގެ ޕްރޮމޯޝަނަލް ވީޑީއޯ ލަވަ މިއަދު ރިލީޒްކޮށްފިއެވެ.
"ބަވަތި" ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ރަސްމީކޮށް ރިލީޒްކޮށްފައިވަނީ، ވީޓީވީން ގެނެސްދޭ "މެހެމާންސަރާ" ޕްރޮގްރާމްގައި، ފިލްމްގެ ޑައިރެކްޓަރު އިލްޔާސް ވަހީދެވެ.
އަދި ހުކުރު ދުވަހުގެ ރޭ ފިލްމްގެ ޕްރޮލޯޝަނަލް ލަވަ ސޯޝަލް މީޑިއާއަށް ވެސް ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހު ރިލީޒްކުރާ "ބަވަތި" ގެ ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލްއިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ ޖައިޝާ ވަހީދުއެވެ.
ނެށުންތެރިންތަކެއްގެ ތަފާތު ސްޓޭޖް ޑާންސް ޕަރފޯމެންސެއް ފެނިގެންދާ މި ލަވައިގައި، ފިލްމްގެ ބަތަލާ ނުޒުހަތު ޝުއައިބުގެ ނެށުންވެސް ފެނިގެންދެއެވެ. އަދި މިލަވަ ކިޔާފައިވާ ޖައިޝާ ވެސް މިލަވައިން ފެނިގެންދެއެވެ.
އާސިމް އަލީ އާއި އަހުމަދު ވަހީދުގެ އައި ފިލްމްސް އިން ޕްރޮޑިއުސް ކުރާ "ބަވަތި" ގެ ތަރިންނަކީ، ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ.
ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނީ މިއީ ޒުވާން ދެމަފިރިއެއްގެ ދިރިއުޅުމުގައި ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއްކަމަށެވެ. އަދި މި ފިލްމް ވެގެންދާނީ، ދިވެހި ފިލްމީ ތާރީޙުގައި މިހާތަނަށް ފެނިގެންދާނެ އެންމެ ތަފާތު ފިލްމްކަމަށް ފިލްމްގެ ޑައިރެކްޓަރު ބުނެފައިވެއެވެ.
ފިލްމް ގެ 2 ޓީޒާއެއް މިހާތަނަށް ދައްކާލާފައިވާއިރު، މި ފިލްމްގެ ވާހަކަ ތަފާތުވާނެކަން ޓީޒާއިންވެސް ފެނިގެންދެއެވެ.



