ސަޢޫދީ ސަރުކާރުން ބޮޑު ހެދައެއް ކުރައްވައިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު މާލޭގައި ބިނާ ކުރެއްވި ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުން ދަނީ ސަޢުދިއަރަބިޔާ އިން ވަޑައިގަންނަވާ ވަފުދަށް ވަޑައިނުގަނެވިގެން ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހާއި ދިމާކޮށް ކިންގް ސަލްމާން މިސްކިތް ނުހުޅުވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް މި މިސްކިތް ހުޅުވުން ލަސްކުރުމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ކިންގް ސަލްމާނު މިސްކިތަކީ ސަޢޫދީ ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން ޢިމާރާތް ކުރައްވާފައިވާ މިސްކިތެއްކަމަށާއި، އެމިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރި ވެލެއްވުމުގެ ޝައުޤުވެރިކަން ސަޢޫދީ ސަރުކާރުން ފާހަގަ ކުރައްވާފައިވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށްޓަކައި ތާރީޚުތަކެއް ކަނޑައެޅި ހިސާބުން "ކޮވިޑް19" ގެ ޙާލަތު މުޅި ދުނިޔެއަށް ކުރިމަތި ވީގޮތަށް އަދިވެސް ރައްކާތެރިކަމާއެކު ސަޢުދިއަރަބިޔާއިން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭ ފަދަ ޙާލަތަކަށް
ނުދާކަމަށެވެ.
މިކަމާއި ގުޅިގެން ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ގިނަ ޚިދުމަތްތަކެއް ދެވޭގޮތަށް ކިންގް ސަލްމާނު މިސްކިތް ޢިމާރާތް ކުރެވުނު ކަމުގައިވިއަސް، އެތަނުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ޤާއިމު ކުރެވިފައި ނުވާކަމަށާއި އެ ވަސީލަތްތައް ގާއިމުކުރުގެ މަސައްކަތް ދިވެހި ދައުލަތުން ސަޢޫދީ ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމުގައިވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ވަނީ މިއަހަރު ރަމަޟާން މަހަށް ސަލްމާން މިސްކިތް ހުޅުވޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުން ވިދާޅުވީ ރަމަޟާން މަހަށް ކިންގް ސަލްމާން މިސްކިތް ހުޅުވޭވަރު ނުވާނެކަމަށެވެ.
ކިންގް ސަލްމާން މިސްކިތުގައި 5 ފަންގިިލާ ހިމެނޭއިރު، ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ. މި މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމް ހިމެނޭއިރު، އިސްލާމިކް ކުތުބުޚާނާއަކާއި، ސެމިނަރ ރޫމަކާއި، އިދާރީ މަސައްކަތްތައް ކުރެވޭ ގޮތަށް ޚާއްސަކޮށްފައިވާ ބައެއް އެ ފަންގިފިލާގައި ހިމެނެއެވެ.
މީގެ އިތުރުން މި މިސްކިތުގެ ހަތަރުވަނަ ފަންގިފިލާ ކޮންފަރެންސްތަކާއި، ސެމިނަރތައް ބޭއްވުމަށާއި، ދީނީ ދަރުސްތަކާއި އަދި ނަމާދުވެސް ކުރެވޭނެ ގޮތަށް ވަނީ ޚާއްސަ ކުރެވިފައެވެ.
މި މިސްކިތަކީ އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.



