އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު

"ދަރުސް ބޭއްވުމަށް ސަލަފްއަށް ހުއްދަދޭން ވަނީ ނިންމާފައި، ޖަވާބު ލަސްވީ އިދާރީ އޮޅުމަކުން"

ޖަމިއްޔަތުއްސަލަފް ގެ ފަރާތުން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ދީނީ ދަރުސް ބެއްވުމުގެ ހުއްދައަށް އެދި އެޖަމިއްޔާ އިން އިސްލާމިކް މިނިސްޓްރީގައި އެދުމުން އެހުއްދަ ދިނުން ލަސްވެފައިވަނީ އިދާރީ އޮޅުމަކުން ކަމުގައި އިސްލާމިކް މިނސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަ ކުރައްވާފައި މިވަނީ ސަލަފް ޖަމިއްޔާއިން މިފަހަރު ދީނީ ދަރުސްތައް ކުރިޔަށް ނުގެންދަނީ އިސްލާމިކް މިނިސްޓްރީން އެކަމަށް ހުއްދަދީފައި ނުވާތީކަމުގައި އެޖަމިއްޔައިން ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން ސަލަފް އިން ވިދާޅުވެފައި ވަނީ އެޖަމިއްޔާގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ގެނެސްދޭ ޚާއްޞަ ސިލްސިލާއާމެދު ގިނަ ފަރާތްތަކަކުން ސުވާލު ކުރަމުންދާކަމަށާއި، އެގޮތުން އެޖަމިއްޔާއިން މިފަހަރުވެސް އިސްލާމިކް މިނިސްޓްރީގައި އެކަމަށް ހުއްދައަށް އެދިފައިވާނެކަމަށެވެ. ނަމަވެސް މިވީތަނަށް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަމުގައި އެޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ މިއަދު ވިދާޅުވީ ޖަމިއްޔަތު ސަލަފުގެ ދަރުސް ކުރިޔަށް ގެންދިއުމުގެ ހުއްދަދޭން، ސިޓީ ލިބުމާއެކު އެ ނިސްޓްރީން ވަނީ ނިންމާފައިކަމަށާއި ނަމަވެސް ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުންކަމަށެވެ.

"އެކަން އެންގުމާއިއެކު ދަރުސްތައް ކުރިޔައް ގެންދިއުމުގެ ހުއްދަވަނީ ދީފަ" އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ހުރިހާފަރާތްތަކަށްވެސް ފަހިވެފައި އޮންނާނެ ކަމަށެވެ.

ސަލަފް ޖަމިއްޔާ އަށް ޖަވާބު ދިނުން އިސްލާމިކް މިނިސްޓްރީން ލަސްވެފައި ވާއިރު، އެޖަމިއްޔަގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ވަނީ ދައުވަތުގެ މަސައްކަތުގައި މިހާ ގިނަ އުނދަގުލާއި ހުރަސްތައް ކުރިމަތިވި ސަރުކާރެއް އަަދި ތަޖުރިބާ ނުކުރައްވާކަމުގައި ވިދާޅުވެފައެވެ.

"ދަޢުވަތުގެ މައިދާނުގައި އަޅުގަނޑު މަސައްކަތް ފެށިފަހުން މިވީ15 އަހަރުގައި ދީނީ ދަޢުވަތުގެ މަސައްކަތައް މިހާ އުނދަގުލާއި ހުރަސްތައް ކުރިމަތިވި، ސަރުކާރެއް އަޅުގަނޑު ތަޖުރިބާއެއް ނުކުރަން" ޢަލީ ރަމީޒް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ