މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.
މިއީ މީގެކުރިން ތޯލިބާނު ހަނގުރާމަވެރިންނާއި އެމެރިކާގެ ސަރުކާރާއި ދެމެދު އެއްބަސްވެފައިވާ ތާރީހަށްވުރެ ފަހުގެ ތާރީހެކެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ސަރުކާރާއި ތާލިބާނުންނާއި ދެމެދު މީގެކުރިން އެއްބަސްވެފައިވަނީ މެއިމަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށެވެ.
އެމެރިކާ ސަރުކާރުން އަލަށް މި ކަނޑައެޅު ތާރީހު ދިމާވަނީ، އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރ އަށް 2001 ވަނަ އަހަރު ދެވުނު ޓެރަރިސްޓް ހަމަލާއަށް 20 އަހަރު ފުރޭ އަހަރީ ދުވަހާއެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނަށް ހަމަލާދީ އެގައުމު އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފައިވަނީވެސް މިހާދިސާއާއި ގުޅިގެންނެވެ.
ތާލިބާނުންނާއި އެމެރިކާ ސިފައިންނާއި ދެމެދު މިދިޔަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާއި ދެމެދު މަޝްވަރާކޮށް ސުލްހަ ގާއިމުކުރުމުގެ އެއްބަސްވުމަކަށް އައްނަން ޖެހެއެވެ. ތާލިބާނުންނާއި އަފްގާނިސްތާން ސަރުކާރާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސުލްހައިގެ މަޝްވަރާތައް ފެށުނު ނަމަވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވެއެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމާއި ގުޅޭގޮތުން އެގައުމުގެ ސަރުކާރުން ރަސްމީ ސިފައެއްގައި އަދި ވަކިއެއްޗެއް ބުނެފައި ނުވިނަމަވެސް އަފްގާނިސްތާނު ޕާލަމެންޓުގެ ރައީސް މިރް ރަހްމާން ރަހްމާނީ ވިދާޅުވީ، މިވަގުތު އަފްގާނިސްތާނުން ބޭރު ގައުމުތަކުގެ ސިފައިން ބާލައިފިނަމަ އެގައުމުގައި ދާހިލީ ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތް ކަމަށެވެ.



