މަރު އައިސް ބައްދަލު ކުރުމުގެ ކުރިން މަަރަށް ތައްޔާރުވާށެވެ!

ވިސްނާލާށެވެ. ދުނިޔެ މީ ވަގުތީ މަންޒިލެކެވެ. ދާއިމީ އުފަލާއި ހިތްހަމަޖެހުން ހޯދަން ބޭނުންނަމަ ފަރުވާ ކުޑަ ނުކުރާށެވެ. ލިބިފައި މިއޮތް ކުޑަ ވަގުތުކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ލިބި ގަންނާށެވެ.

މަރު އައިސް ތިބާޔާ ބައްދަލު ކުރުމުގެ ކުރިން މަރަށް ތައްޔާރުވާށެވެ. ދުނިޔެވީ ދިރިއުޅުމަކީ ވަގުތީ ދިރިއުޅުމެއްކަން ދެކި އާހިރަތަށް ތައްޔާރުވާ މީހާއަށް ބާއްޖަވެރިކަން ހުއްޓެވެ. ވިސްނާ ފިކުރުކުރާށެވެ. ގެއްލިގެންދާ ކިތައްމެ ކުޑަ ވަގުތު ކޮޅަކީ ވެސް އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ދުނިޔޭގެ ދިރިއުޅުމަކީ އިމްތިހާނެކެވެ. މި އިމްތިހާނުން ފާސް ވެއްޖެ މީހާއަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ހުއްޓެވެ.

ދުނިޔެއަށް އައުމަށްފަހު އަޅުގަނޑުމެންނަށް ޔަގީން ކުރެވޭނެ ހަމައެކަނި އެއްޗަކީ މަރެވެ. ޔަގީން ނުކުރެވޭނީ އެ މަރު އައިސް އަޅުގަނޑުމެންނާއި ބައްދަލު ކުރާނެ ވަގުތެކެވެ. ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ.

(كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ) سورة آل عمران: 185

މާނައީ: "ކޮންމެ ނަފުސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

ކޮންމެ މަރަކީ ދިރިތިބި މީހުންނަށް ލިބިގެންދާ ފިލާވަޅެކެވެ. ހެޔޮ އަމަލު ގިނަކޮށް ފާފަތަކުން އަރައިގަނެ އާޙިރަތަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެކެވެ. ތިބާގެ މަރު ތިބާޔާ ބައްދަލުވާނީ ކޮން ވަގުތަކު ކިހިނެއް ކަމެއް އިނގޭނީ ކާކަށް ހެއްޔެވެ؟ ވަގުތު ފާއިތުވުމުގެ ކުރިން ދުނިޔޭގެ ދިރިއުޅުމައި ދޭތެރޭ ވިސްނާ ފިކުރުކުރާށެވެ. މަރަށް ތައްޔާރުވާށެވެ.

ލޯ ކުރިމަތީގައި ލޯބިވާ އެތައް ބަޔަކު ދުނިޔެ ދޫކޮށް ދާތަން އެބަ ފެނެއެވެ. ކުޑައެއް ބޮޑެއް މުސްކުޅިއެއް ޒުވާނެއް ބެލުމެއް ނެތިއެވެ. އެންމެންގެ ލޯތަށް ކަރުނައިން ތެއްމާލުމަށްފަހުގައެވެ. މަރަކީ ކޮންމެ މީހަކާވެސް ބައްދަލު ކުރާނެ އެއްޗެކެވެ. މަރަށް ތައްޔާރު ނުވެ ހުއްޓާ މަރު އައިސް ބައްދަލު ކޮއްފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މަރުވުމަށްފަހު ހެޔޮ އަމަލުކުރުމަށް ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތެއް ދެން ނުލިބޭނެއެވެ. ދުނިޔޭގައި ހޭދަކުރުމަށް ލިބިފައި މިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ލިބިގަންނާށެވެ. ހެޔޮ އަމަލު ކުރުން މަތީ ދެމި ހުންނާށެވެ.

ދުނިޔެވީ އުފަލާ ޒީނަތްތެރިކަމަށް ނުހެއްލި ތިބާގެ މަރު އައިސް ބައްދަލުކުރުމުގެ ކުރިން އެ މަރަށް ފުރިހަމައަށް ތައްޔާރުވާށެވެ. އުފާވެރި މަރަކުން މަރުވާ މީހުންގެ ތެރެއިން ތިބާ ވުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ