ކިއުބަން ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމުން ރައުލް ކާސްޓްރޯ އިސްތިއުފާދީފިއެވެ.
ރައުލް ކާސްޓްރޯ މި މަގާމުން އިސްތިއުފާ ދިނުމާއެކު 1959 ވަނަ އަހަރުން ފެށިގެން ކިއުބާގައި ވެރިކަން ކުރަމުން އައި ކާސްޓްރޯ އާއިލާގެ ވެރިކަން ރަސްމީގޮތުން ނިމުމަކަށް އައީއެވެ.
އުމުރުފުޅުން 89 އަހަރުފުޅުގެ ރައުލް ކާސްޓްރޯ ކިއުބަން ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދިންކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ކޮންގްރެސް ބައްދަލުވުމުގައެވެ. ރައުލް ކާސްޓްރޯ ވިދާޅުވެފައިވަނީ ޕާޓީގެ ލީޑާރޝިޕް ޒުވާން ޖީލަކަށް ހަވާލުކުރަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
ރައުލް ކާސްޓްރޯގެ ބަދަލުގައި ކިއުބަން ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމަށް ނަންގަވާނެ ބޭފުޅެއް ނިންމާނީ އެޕާޓީގެ ކޮންގްރެސް ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމަކީ ހަތަރު ދުވަހުގެ މުއްދަތަށް ދިގުދެމިގެންދާ ބައްދަލުވުމެކެވެ.
ރައުލް ކާސްޓްރޯގެ ފަހުން ޕާޓީގެ ލީޑަރުކަމާއި ހަވާލުވާނެ ވަކިބޭފުޅެއް އަދި ނިންމައިފައި ނުވިނަމަވެސް ބޮޑަށް ބެލެވެނީ ދެން މި މަގާމާއި ހަވާލުވާނީ 2018 ވަނަ އަހަރު ކިއުބާގެ ރައީސްކަމަށް އައްޔަންކުރި މިގޭލް ޑިއޭޒް ކަނާލް ކަމަށެވެ.
ރައުލް ކާސްޓްރޯގެ ކުރިން ކިއުބާގައި ވެރިކަން ކުރެއްވީ ބޭބޭފުޅު ފިޑެލް ކާސްޓްރޯއެވެ. ފިޑެލް ކާސްޓްރޯ އެގައުމުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ 1959 ވަނަ އަހަރު، އޭރު އެމަގާމުގައި ހުންނެވި ފުލްްގެންސިއޯ ބަޓިސްޓާގެ ވެރިކަން އިންގިލާބަކުން ބަދަލު ކުރެއްވުމަށް ފަހުއެވެ.



