ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ހާމަ ކުރައްވާފައިވާ ގޮތުގައި އާރުޑީސީގެ އޮފީސް ފަޅާލައި އެތަނުން ވަނީ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައެވެ. އަދި އޭގެ އިތުރުން އެ އޮފީހުގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުންގެ އަމިއްލަ ބައެއް ތަކެތި ވެސް ވަނީ ވަރަށް ނަގާފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ މައްސަލަ ފުލުހުންނަސް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ހެނދުނު 10 ޖަހާކަންހާއިރުކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި، ނަމަވެސް މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
އޮފީސް ފަޅާލައި ވައްކަން ކުރި އާރުޑީސީގެ އޮފީސް ހުންނަނީ އެމްއެސްއެލް ބިލްޑިންގްގެ ފުރަތަމަ ބުރީގައެވެ.
މީގެ ކުރިންވެސް އެކިއެކި ކުންފުނިތަކާއި ކޯޕަރޭޝަންތަކުގެ އޮފީސްތައް ފަޅާލައި ވަނީ ބޮޑެތި ވައްކަންތައް ކޮށްފައެވެ.



