މީހަކު ދުޢާކުރަނީ

ހިދާޔަތުގެ ތަޅުދަނޑިއަކީ ތައުބާއެވެ.

އިންސަނުންނަކީ ކަރާމާތްތެރި ބައެކެވެ. ދުނިޔެ އަށް އުފަންވަނީ ނުހަނު ޠާހިރުކަން މަތީގައެވެ. ދެން އޭނާގެ ޢުމުރުގެ އެކި ހިސާބުން އެކިކަންކަމާ ބައްދަލުވެއެވެ. އޭނާގެ ޙަޔާތުގައި އެކި ދުވަހު އެކި ކުލަ ފެންނެނަމުން ދެއެވެ. ދުނިޔޭގެ ޒީނަތްތެރިކަމާ އޭގެ ދަޅަތައް އޭނާގެ ވަށާލައެވެ. އެ ކަންކަމަށް ހެއްލި ގެއްލެނިވެގެން ގޮސްފިނަމަ އޭނާގެ ކަރާމާތައް ބުރޫއަރައެވެ.

އެހެންކަމުން ޝަރަފުވެރި ޤަދަރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކު ކަމުގައި އިންސާނުން ވާންވާނެއެވެ. ލާޗާރު ބިޗާރަށް ދުނިޔޭގައި ހޭލިމޭލި ވެގެން އުޅުމަކުން އިންސާނެއްގެ ހައިބަތު އެ މީހަކަށް ނާންނާނެއެވެ. އޭނާ އުޅެމުން ދަނީ ޝައިޠާނީ ޙަޔާތްފަދަ ދިރިއުޅުމެއްގެ ތެރޭގައެވެ. އެއީ ނަޢަމްސޫފި ތަކާ ވަލުޖަނަވާރުގެ ދިރިއުޅުމަށް ވުރެވެސް ދަށު ދަރަޖައިގެ ދިރިއުޅުމެކެވެ. އެހާވެސް ޣާފިލުކަން މަތީގައެވެ. އޭނާގެ ހިތަކަށް ހެޔޮގޮތެއް ފަހުމެއްނުވާނެވެ. އޭނާގެ ލޮލަކަށް ރަނގަޅު މަންޒަރެއް ސިފަނުވާނެވެ. އޭނާގެ ކަންފަތަކުން ލަފާދާރު އަޑެއް އެތެރެ ނުވާނެވެ. ﷲ ވަޙީ ކުރައްވަނީ ﴿وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنْ الْجِنِّ وَالإِنسِ لَهُمْ قُلُوبٌ لاَ يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لاَ يُبْصِرُونَ بِهَا وَلَهُمْ آذَانٌ لاَ يَسْمَعُونَ بِهَا أُوْلَئِكَ كَالأَنْعَامِ بَلْ هُمْ أَضَلُّ أُوْلَئِكَ هُمُ الْغَافِلُونَ﴾. (الأعراف: 179).   މާނައީ:- "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ."

ހިދާޔަތް ފިޔަވާ އޭނާއަށް ދުނިޔެއިން މަދުވާއެއްޗެއް ނެތެވެ. ބަލައިލި ކޮންމެ ދިމާލަކުން ތަނަވަސްކަމެވެ. އަރުން އެތެރެވާނަމަ، ޙަރާމެއް ޙަލާލެއް ބެލުމެއްނެތެވެ. ޚިދުމަތުގައި ޚާދިމުންނެވެ. މީހެއްގެ މުދަލެއްތޯ ނުވަތަ ނޫންތޯ ބެލުމެއްނެތި ބޭނުންވެއްޖެ ކޮންމެ އެއްޗެއް އަމިއްލައަށް މިލްކުކުރަނީއެވެ. އެފަދަ މީހަކަށް ﷲ ތެދުމަގު ދައްކަވައިފުމަށް ދާންދެން އަނދިރި ކަމުގައި ހުންނަން ޖެހެއެވެ. އޭނާއަށް ތައުބާގެ ދޮރު ހުޅުވި އިންސާނީ ދިރިއުޅުމުގެ ތެރެއަށް އާދެވުމަށް ތަފާތު ސަބަބުތައް މެދުވެރިވެއެވެ. ބަލިމަޑުކަމެއް ޖެހުމެވެ. އެކްސިޑެންޓެއް ފަދަ ޙާދިސާއެކެވެ. ނޫންނަމަ ލޯބިވާ މީހުންނާއި، މުދަލާއި، ކާނާ މަދުވެ ނެތި ދިއުމެވެ. އެ ހިސާބުން އޭނާއަށް ވިސްނެނީ އިންސާނުންނަކީ އިލާހުން  ނޫންކަމެވެ. އެއީ މަޚްލޫޤުންކަމެވެ. އަދި ޚާލިޤުވަންތަ ވެރި ރައްބު އުފެއްދެވި އެންމެ މާތް މަތިވެރި މަޚްލޫޤަކީ އޭނާކަމެވެ. ބިމާއި ކަނޑުތަކުގައި އެއިންސާނުން އުފުއްލެވިއެވެ. ހެޔޮރަނގަޅު ތަކެތިން އެބައިމީހުންނަށް ﷲ ރިޒްޤު ދެއްވިއެވެ. އެ އިލާހު ވަޙީކުރައްވަނީ ﴿وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلاً﴾ (الإسراء: 70).  މާނައީ:- "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."

ޣާފިލުކަމުގެ ނިދިން ހޭލެވި ހިދާޔަތުގެ ދުނިޔެއަށް ނޭވާލެވުނީ الهادي އެކަމަށް އިރާދަ ކުރެއްވީތީއެވެ. އެހެންކަމުން ތާއަބަދު ކެނޑިނޭޅި އެއިލާހަށް ޙަމްދު ކިޔާ، ޘަނާ ދަންނަވާ، ޝުކުރު އަދާ ކުރާ މީހަކު ކަމުގައި ވާން އެބަ ޖެހެއެވެ. އެކަމަށް އަބަދު ހިތްވަރާއެކު މަސައްކަތް ކުރަންވާނެއެވެ. އަޅުގަނޑުމެންނަށް ނަމޫނާއަކަށް ފޮނުއްވުނު މާތް ސާޙިބާ މުޙައްމަދު އިބްނު ޢަބަދުﷲ ﷺ ކޮންމެ ދުވަހަކު ސަތޭކައަށްވުރެ ގިނަފަހަރު އިސްތިޣްފާރު ކުރައްވައެވެ. އަދި މީސްތަކުންނަށް އެކަމަށް އިލްތިމާސް ކުރެއްވިއެވެ. قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ"‏.‏ މާނައީ:- އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޢުބާވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު 100 ފަހަރު އެއިލާހަށް ތަޢުބާވަމެވެ."

އޭލޮބުވެތި އަޚުންނޭވެ! ތައުބާވެވޭނީ މި ދުނިޔެއަށް ނޭވާލާދުވަހު އެކަންޏެވެ. އެހެންކަމުން. ތައުބާވުން ގިނަކުރާށެވެ! ހިދާޔަތުގ ތަޅުތަނޑިއަކީ ތައުބާއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ