ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސްއަށް އަރުވައިފި

ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައެޅުއްވި އައު ސަފީރު އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާ ގެ ރައީސް ހިޒް އެކްސަލަންސީ ރާމް ނާތު ކޯވިންދް އަށް މިއަދު އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އިންޑިއާ ގެ ރައީސްއަށް އެރުވީ އިންޑިއާ ގެ ރައީސްގެ ގަނޑުވަރު "ރަޝްތްރަޕަތީ ބަވަން" ގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށްފަހު އިންޑިއާ ގެ ރައީސް ކޯވިންދް، އެ ކަމަނާއާ ބައްދަލުކުރައްވައި ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރަށާއި ދިވެހިންނަށް ވެސް އުފާފާގަތިކަން ލިބުމަށް އިންޑިއާގެ ރައީސް އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ އިން ދެމުންގެންދާ ގިނަގުނަ އެހީތައް ފާހަގަކޮށް ސަފީރުވަނީ އެކަމަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި އެ ކަމަނާގެ ސަފީރުކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނޭކަމުގެ ޔަޤީންކަން އިންޑިއާގެ ރައީސްއަށް އެކަމަނާ ވަނީ އަރުވާފައެވެ.
މިރަސްމިއްޔާތުގައި، އެ ކަމަނާގެ އަރިހުގައި އަލްފާޟިލާ އާމިނަތު ޝަބީނާ، މިނިސްޓަރ (ޑެޕިއުޓީ ޗީފް އޮފް މިޝަން) އާއި އަލްފާޟިލާ ފާތިމަތު ޝަފީޤާ، މިނިސްޓަރ-ކައުންސެލަރ އާއި ލެފްޓިނަންޓް ކާނަލް އަޙްމަދު ޠާހިރު، ޑިފެންސް އެޓާޝޭ އާއި އަލްފާޟިލް ޢަބްދުﷲ އަރުހަމް، ތަރޑް ސެކްރެޓަރީ އެމްބަސީ އިން ވަނީބައިވެރިވެވަޑައިގެންފައެވެ. އަދި މީގެއިތުރުން، އެ ކަމަނާގެ ދަރިކަނބަލުން އަލްފާޟިލާ ނޫރާ އިބްރާހީމް ޒާހިރު އާއި އޭނާގެ ފިރިކަލުން އަލްފާޟިލް ޢަލީ ނާޝިދު ވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ އަކީ 1 ނޮވެމްބަރު 1965 ގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީގުޅުން ޤާއިމްކުރުމަށްފަހު، އިންޑިއާގައި ރާއްޖެ ތަމްސީލް ކުރެއްވުމަށް ކަނޑައެޅުއްވި 5 ވަނަ ސަފީރެވެ. އަދި އެންމެ ފުރަތަމަ އަންހެން ސަފީރުވެސްމެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ