ފުވައްމުލަކު ތުނޑި ސަރަހައްދުގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ބޭރަށް ދަމައިގެންފައި ވަނިކޮށް ސަލާމަތްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު މޫދަށް އެރި އުޅެނިކޮށް އޮޔާ ބޭރަށް ދަމައިގެންފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
އޭނާ ސަލާމަތްކުރީ އެވަގުތު އެސަރަހައްދުގައި ރާޅާ އަޅަންގޮސް އުޅުނު ދެމީހަކާއި އެއްގަމުގައި ހުރި އިތުރު މީހަކު ގުޅިގެން ކަމަށް މައުލޫމާތު ލިބިއެވެ.
އޮޔާއި ދަމައިގަން ޒުވާނާ ސަލާމަތް ކުރުމަށްޓަކައި ބޭނުން ކުރީ، ފުވައްމުލަކުގެ ގޮނޑުދޮށުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ، ފައިސަލް ފައުންޑޭޝަނުން ހަދިޔާކޮށް ބަހައްޓައިދީފާއިވާ ލައިފްބޯއި ރިންގު ބޭނުންކޮށްގެންނެވެ.

ފުވައްމުލަކުގައި މޫދަށް އެރި އުޅޭ މީހުން އޮޔާ ދަމައިގަނެ ގެނބިގެން މަރުވުމުގެ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި ފައިސަލް ފައުންޑޭޝަނުގެ ފަރާތުންވަނީ ފުވަމުލަކަށް ލައިފްބޯއި ރިންގުތައް ހަދިޔާކޮށް މީހުން މޫދަށް އެރިއުޅޭ އެކި ސަރަހައްދުތަކުގައި ބަހައްޓާފައެވެ.
މިގޮތުން މިއަދުގެ ހާދިސާގައި ސަލާމަތް ކުރެވުނު މީހާއަކީ، ލައިފްބޯއި ރިންގުތަށް ބޭނުންކޮށްގެން ފުރާނަ ސަލާމަތް ކުރެވުނު 7 ވަނަ މީހާ ކަމަށް މައުލޫމާތު ލިބިއެވެ.




