ކަޝްމީރުގައި ފަލަސްތީނައް ތާއީދުކޮށް އަޑުއުފުލާ ފަރާތްތައް އިންޑިއާ ސިފައިން ހައްޔަރުކުރަނީ

އިންޑިއާއިން ކޮންޓުރޯލްކުރާ ކަޝްމީރުގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލާ ފަރާތްތައް އިންޑިއާ ސިފައިން ހައްޔަރު ކުރަން ފަށައިފިއެވެ.

މިހާތަނަށް ކަޝްމީރުން ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލި 20 މީހަކު ހައްޔަރުކޮށްފައިވާއިރު މީގެތެރޭގައި ފަަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށް ގުރެފިޓީ ކުރެހި އާރޓިސްޓަކާ އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދުއާކުރި ދީނީ އިލްމުވެރިއަކުވެސް ހިމެނެއެވެ.

އުމުރުން 32 އަހަރުގެ މުދައްސިރު ގުލް ނަމަކަށްކިޔާ އާރޓިސްޓު އިންޑިއާ ސިފައިން ހައްޔަރުކޮށްފައިވަނީ "ވީ އާރ ޕަލަސްޓައިން" ލިޔެ ތައްޔާރުކުރި ކުރެފިޓީ ކުރެހުމަކާއި ގުޅިގެންނެވެ. މި އާރޓިސްޓުގެ އާއިލާއިން ބުނެފައިވަނީ އިންޑިއާއިން އެންމެ އަސާސީ މިނިވަންކަމަށްވެސް އިހުތިރާމް ނުކުރާ ކަމަށެވެ.

ހުކުރުދުވަހުގެ ހުކުރު ނަމާދަށްފަހު ކަޝްމީރުގައި އިސްރާއިލާއި ދެކޮޅު ހިނގާލުންތައް ބާއްވައިފައި ވެއެވެ. މި ހިނގާލުންތަކުގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި އިސްރާއިލުގެ އަމަލުތައް ކުއްވެރި ކޮށްފައި ވެއެވެ. އިންޑިއާ މައި ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ މިފަދަ އިތުރު އެއްވުންތައް ކަޝްމީރުގައި ބޭއްވިޔަ ނުދިނުމަށެވެ. އިންޑިއާގެ އެހެން ސަރަހައްދުތަކާއި ހިލާފަށް ކަޝްމީރުގެ މެޖޯރިޓީއަކީ މުސްލިމުންނެވެ.

އިންޑިއާގެ މައިސަރުކާރުން އައްނަނީ ކަޝްމީރުގައި އެހެން ދީންތަކުގެ މީހުން އާބާދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކަޝްމީރުން އިންޑިއާގެ އެހެން ސަރަހައްދުތަކުގެ މީހުންނަށް ބިން މިލްކުކުރެވޭނެފަދަ ބަދަލުތައް ގާނޫނަށްވަނީ ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ