ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ޙަލާކުވާގޮތަށް އެމްޑީޕީ އިސްވެ އޮވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ ކަންތައްތަކުގައި ރައީސް ޞޯލިޙް ހަނުހުންނެވުމަކީ ބަލައެއްނުގަނެވޭނެ ކަމެއް ނޫންކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް މިރޭ ނެރުނު ނޫސްބަޔާނެއްގައި މިހެން ވިދާޅުވެފައިވާއިރު ފަނޑިޔާރަކަށްވިޔަސް އާންމު ފަރުދަކަށްވިޔަސް އެމީހަކާ މެދު ކަންކަންކުރެވެންވާނީ، ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމީހެއްގެ ޙައްޤުތައް ޙިމާޔަތްކުރެވޭ ގޮތަށްކަމަށް ވިދާޅުވެފައިވެއެވެ.
އަދި އިދާރީ ގޮތުން ނިންމާ ނިންމުމަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް ޝަރީޢަތަށް ދިއުމަކީ ޤާނޫނު އަސާސީއިން ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤަކަށްވާއިރު، އެފަދަ މައްސަލައަކާ ދޭތެރޭ ގޮތެއް ކަނޑައެޅުމާއި އިންޞާފު ޤާއިމުކުރުމަކީ ކޯޓުތަކަށް ޤާނޫނު އަސާސީން ލާޒިމުކުރާ ކަމެއްކަމަށާއި އެއީ ޤާނޫނު އަސާސީން ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށްވެސް މިބަޔާނުގައިވެއެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓު ކަމަށްވާއިރު، ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ހުށައަޅާފައިވާ މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުންތަކަކީ އެމައްސަލައިގެ އެންމެ ފަހު ނިންމުންކަމަށް އެޕާޓީން ޤަބޫލުކުރާކަމަށެވެ.
އަދި ޤައުމުގެ މަޞްލަޙަތު ގެއްލޭ ގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒުކުރުމުގެ ބަދަލުގައި ދުސްތޫރީ އޮނިގަނޑު ބޭނުން ކުރައްވައި، ހެޔޮނިޔަތުގައި ދަޢުލަތުގެ މުއައްސަސާތަކާއެކު މަސައްކަތްކުރުމަށް ޔައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީއަށް ޕީޕީއެމްއިން ގޮވާލެއްވިއެވެ.
ސުޕްރީމްކޯޓު ފަނޑިޔާރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށައަޅުއްވާފައިވާ މައްސަލައަކީ އެމްޑީޕީއަށް ބާރު ލިބުނު ދުވަހު ޒާތީ ޙަސަދައެއް ފިލުވާލުމަށް، ހުށައަޅާފައިވާ މައްސަލައެއްކަމަށް އެޕާޓީން ދެކޭކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.
" މިހާރު ކަންކަން ގޮސްފައިވާ ގޮތުން، ދަޢުލަތުގެ އެއްބާރު އަނެއްބާރު ތަޅާފޮޅުމަކަށްވަދެ، ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް ކަންތައްތައް ދަނީ ގޯސްވަމުންކަމާއި، އަދި މިއީ އެއްވެސް ޙާލެއްގައި ކަންހިނގަންވާނޭ ގޮތެއް ނޫންކަން ފާހަގަކުރާއިރު މިފަދަ ކަންކަމުގައި ޤައުމުގެ މަޞްލަޙަތާއި ހަމަޖެހުން އިސްކުރުމަށް ގޮވާލަން " ބަޔާނުގައި ވެއެވެ.
އަދި ދަޢުލަތުގެ މަޞްލަޙަތުތައް އިސްކުރައްވައި، ޤާނޫނު އަސާސީގެ 106 ވަނަ މާއްދާއިން މަތިކުރައްވާފައިއޮތް، ޤާނޫނީ ވާޖިބުތައް އަދާކުރައްވައި ލީޑާޝިޕް ދެއްކެވުމަށް ރައީސް ޞޯލިޙަށް ޕީޕީއެމްއިންވަނީ ގޮވާލައްވާފައެވެ.



