ރައީސް އޮފީހުގެ ވަޒީފާއަކަށް މީހުން ނަގަނީ ކުށުގެ ރެކޯޑާއި އެހެނިހެން މަޢުލޫމާތު ސާފުކުރުމަށްފަހު!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހުންނަގަނީ ކުށުގެ ރެކޯޑާއި އެހެނިހެން މަޢުލޫމާތު ސާފުކުރުމަށްފަހުކަމަށް އެ އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެމް ބުނެފައިވަނީ އެއޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހުގެ ސެކްރެޓެރީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ނޫޝީން ވަޙީދާ ގުޅޭ ގޮތުން ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ ރިޕޯޓާގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގަައެވެ.

އެގޮތުން މިބަޔާނުގައި ބުނެފައިވަނީ "ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ރިޕޯޓަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢޫލޫމާތު ހިމެނޭ ރިޕޯޓެއްކަމަށާއި، މި ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ފާހަގަކުރެވޭކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުޞޫލުން ބަލައި، ސާފުކުރާކަމަށާއި، މިގޮތުން، ޞަބްރާ އިބްރާހީމް ނޫރައްދީނާއި ޢާއިޝަތު ނޫޝީން ވަޙީދު މި އޮފީހުގެ ވަޒީފާއަށް އަޢްޔަނުކޮށްފައިވަނީ ޤަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހުގައިކަން މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް ބުނީ، ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުންކަމަށާއި، އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަޤްޞަދެއްގައިކަމުގައި ބަޔާންކޮށްފައިވާއިރު، މިމަސައްކަތް ކުރަމުން ގެންދަވާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދިޔަރެސް ނޫހުން ދޮގު މަޢުލޫމާތާއި ޚަބަރު ފެތުރުމަކީ، ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުންކަމަށްވެސް މިބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ދިވެހި ސަރުކާރުން ޤަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި ނޫސްވެރިންނަކީ ވަކި އަޚްލާޤީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތްތާނގައިވެސް މި ހަމަތަކާއި އުޞޫލުތަށް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ