އެލް ސެލްވަޑޯރގެ ކުރީގެ ޕޮލިސް އޮފިސަރެއްގެ ގެއިން މަރާލާފައިވާކަމަށް ބެލެވޭ 24 މީހެއްގެ ހަށިގަނޑު ވަޅުލާފައި އޮއްވާ ފެނިއްޖެއެވެ.
އޮފިޝަލުން މައުލޫމަތުދޭގޮތުގައި މަރާލައި ވަޅުލައިފައިވާ ގިނަ ހަށިގަނޑުތަކަކީ އަންހެނުންނާއި އަންހެން ކުދިންގެ ހަށިގަނޑުތައް ކަމަށް ބެލެވޭ ކަމަށެވެ. މަރާލައިފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު ފެނުނު ހަށިގަނޑުތަކުގެ ތަހުލީލުތައް ކުރުމަށް އަދި މަސްދުވަސް ނަގާނެއެވެ.
އެލް ސެލްވަޑޯރއަކީ ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އަންހެނުންނާއި ދެކޮޅަށް މިފަދަ އެންމެ ގިނަ އަމަލުތައް ހިނގާ ގައުމެވެ. މިގޮތުން ޖިންސައް ބަލައި އަންހެނުން މެރުން އެގައުމުގައި ނިސްބަތުން އިތުރެވެ.
މަރާލައި ވަޅުލައިފައިވާ ހަށިތައް ފެނިފައިވަނީ އުމުރުން 51 އަހަރުގެ ކުރީގެ ޕޮލިސް އޮފިސަރުގެ މައްސަލައަށް އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅު މަރާލިކަމުގެ ތުހުމަތު ކުރެވި އެކަމަށް މި ޕޮލިސް އޮފިސަރު އެއްބަސްވުމުން އޭނާގެ ގޯތި ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. މި ޕޮލިސް އޮފިސަރަކީ މީގެކުރިން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވެސް ކުރެވުނު ޕޮލިސް އޮފިސަރެކެވެ.
ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާގޮތުން މި ޕޮލިސް އޮފިސަރުގެ ގޭގައި މަރާލައިފައިވާ މީހުން ވަޅުލާފައި އޮތް ހަތް ވަޅުވަނީ ފެނިފައެވެ. މި ވަޅުތަކުގައި ވަޅުލާފައިވާ ބަޔެއް ހަށިތަކަށް ދެއަހަރަށްވުރެ ގިނަދުވަސްވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.
އަލަށް މިހޯދުނު ހޯދުންތަކާއެކު ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ އަންހެނުން މެރުމަށް ހާއްސަ ގުރޫޕެއް ފާއިތުވެދިޔަ 10 އަހަރު އުޅެފައިވާކަމަށް މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.
އެލް ސެލްވަޑޯރގެ ފުލުހުންގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވެދިޔަ އަހަރު 70 އަންހެނުން މަރާލައިފައި ވެއެވެ. އަދި 2019 ވަނަ އަހަރު 111 އަންހެނުން މަރާލައިފައި ވެއެވެ.
އ.ދ ގެ ތަފާސްހިސާބުތައް ދައްކާގޮތުން އަންހެނުންނާއި ދެކޮޅަށް ހިނގޭ އެކިއެކި ޖަރީމާތަކުގައި ލެޓިން އެމެރިކާގެ ގައުމުތަކުގައި ދުވާލެއްގެ މައްޗަށް 12 އަންހެނުން މަރާލެވެއެވެ.



