އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ޖެހި މީހާ ކަމަށްވާ ވިލިއަމް ޝޭކްސްޕިއަރ، އުމުރުން 81 އަހަރުގައި މަރުވެއްޖެއެވެ.
އޭނާ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެކްސިން ޖެހި ހޮސްޕިޓަލް ކަމުގައިވާ އުނިވާސިޓީ ހޮސްޕިޓަލް ކޮންވެންޓްރީގައެވެ. އަދި މަރުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ނޫން ކަމުގައިވާއިރު، މަރުވީ ކޮން ބައްޔެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ވިލިއަމް ޝޭކްސްޕިއަރ އަކީ ކޮންވެންޓްރީ ލޭބަރ ޕާޓީގައި ގިނަ ބައެއްގެ ލޯބި ލިބިފައިވާ މީހެކެވެ.
އޭނާ އާއިއެކު ވަރަށް ގާތުން މަސައްކަތް ކޮށްފައިވާ ޖޭން އިނެސް ބުނެފައިވަނީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަގުމަށް ވެކްސިން ޖެހުމަށް އެހެން މީހުންނަށް ހިތްވަރުދީ ނަމޫނާ ދެއްކުމުގެ ގޮތުން އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެ ތެރޭގައި ވިލިއަމް ޝޭކްސްޕިއަރ ހިމެނުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.




