ވޯލްޑް ބޭންކްގެ ފަރާތުން ޒުވާނުންނަށް 20 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގެ ގޮތުން ދިނުމަށް ނިންމާފައިވާ މި 20 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ 10 މިލިއަން ޑޮލަރަކީ ހިލޭ އެހީ އާއި 10 މިލިއަން ޑޮލަރުގެ ލޯނެވެ.
ވޯލްޑް ބޭންކުން ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއަކީ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ކްރެޑިޓްގެ ގޮތުގައި ދޭ ފައިސާއެކެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ބޭންކުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމަށްފަހު އެބޭންކުން މި އެހީ ދޭން ނިންމާފައިވާއިރު އެބޭންކުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލާއި ރަށު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތައް ގުޅިގެން ކުރިއަށްގެންދާ ޕްރޮޮޖެކްޓެކެވެ.
"މިޕްރޮޖެކްޓުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިކަން ލިބޭނެ. އަދި މީގެ ސަބަބުން މި ސަރުކާރުގެ ނޫ އިގްތިސާދު އެކުލަވާލުމުގައި ފަސޭހަ ވާނެ." ވޯލްޑް ބޭންކުގެ ބަޔާނުގައިވެއެވެ.
އަދި ވަޒީފާގެ މާހައުލުގައި އަންހެނުން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވޯލްޑް ބޭންކުންވަނީ ވިދާޅުވެފައެވެ. އެގޮތުން އައިސީޓީގެ ދާއިރާއިން ބޫޓު ކޭމްޕު ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.



