ހުރަވީ ބަޠަލު: ކޮމާންޑަރ ދޮންހަސަން މަނިކުފާނު

ދޮންބަންޑާރައިން ނުވަތަ މުލީގޭ ދޮންހަސަން މަނިކުފާނަކީ ދިވެހިރާއްޖޭގެ ތާރީޚުން ހެކިދޭ އަގުހުރި ބަޠަލުންގެ ތެރޭގައި ގުނާލެވޭ ހިއްވަރު ގަދަ ނަމޫނާ ސަހުޞިއްޔަތެކެވެ. އެއީ ހުރަވީ ދުވަހުގެ ބަޠަލެވެ. މުލީގޭ ދޮންހަސަން މަނިކުފާނަކީ މާލެ އަތޮޅު ހުރާ އަލްވަޒީރު ޙުސައިން ދަހަރާ ތަކުރުފާނުންގެ ފުތް އަލްވާޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދަރިކަލުންނެވެ. ދޮންހަސަން މަނިކުފާނުގެ މައިކަނބަލަކީ މ. އަތޮޅު މުލީ މުޙައްމަދު ޚަތީބު ތަކުރުފާނުގެ ދި އައިމިނާ ފާނެވެ.

ދޮން ބަންޑާރައިންނަކީ ޤައުމީ ލޯބީގެ ނަމޫނާ ދެއްކެވި ހަރުދަނާ ކޮމާންޑަރެކެވެ. އީމާންކަމާއި، އިޚުލާސްތެރިކަމާއި އެކު އަމިއްލަ އެދުމެއްނެތި ދިވެހި ޤައުމާއި އިސްލާމްދީނުގެ ދިފާޢުގައި ދުސްމަނުންގެ ހަތިޔާރުގެ ކުރިމައްޗަށް އެތަކެއް ފަހަރަކު ނުކުއްނެވި ހިތްވަރުގަދަ ދިވެހި ދަރިއެކެވެ. 18 ވަނަ ޤަރުނުގައި އިންޑިއާގެ މަލާބާރުން ނުވަތަ ހޮޅިންގެ ދުއްތުރާތަކުން ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކޮއްދެއްވީ ކޮމާންޑަރ ދޮންޙަސަން މަނިކުފާނެވެ. މީގެ 274 އަހަރު ކުރިން މާލޭގައި 3 މަހާއި 20 ދުވަހު އަނިޔާވެރިކާއެކު ވެރިކަން ހިންގަމުންދިޔަ އިންޑިއާގެ މަލާބާރީންގެ 200 މީހުންގެ ލަޝްކަރާއި ހަނގުރާމަކޮށް އެބައިމީހުންގެ ވަސް ދިވެހި ބިމުން ފޮހެލީ ހިތްވަރުގަދަ ކޮމާންޑަރު ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންނެވެ. ދިވެހި އޮޑިފަހަރުގައި ހަތިޔާރާއެކު މާކަނޑަށް ނުކުންނަވައި މަލާބާރުންގެ ނާފަހަރަށް ހަމަލާ ދެއްވައި އެބައިމީހުން ދިވެހި ކަނޑުތަކުން ފައްސާލެއްވިއެވެ.

މާލެ ހިފައިގެން ތިބި މަލާބާރުންނާއި ހަނގުރާމަ ކުރުމަށް މުލީގޭ ދޮން ޙަސަން މަނިކު ފާނުން އިސްވެ ހުންނަވައި، ހެވިކަމަށް ކުޅަދާނަ 60 ހަނގުބޭކަލުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރު ކުރައްވައި ސިއްރިއްޔާތުގައި މާލޭގައި ހުރި ހޮޅިންގެ ކިއްލާ ވެޔޮދޮށު ގަނޑުވަރަށް ފަތިހުގެ މުނާޖާ ވަގުތު ކުރިއަށް ވަދެވަޑައިގެން އެބައި މީހުނަށް ކުއްލި ހަމަލާއެއް ދެއްވާ އެލަޝްކަރާއި ހަނގުރާމަ ފެއްޓެވިއެވެ. އަދި މިހަމަލާގައި އިސްވެ ކޮމާންޑު ކުރެއްވައި ހޮޅިންގެ ވެރިޔާ "ކަނަތްކަފޫރު" މަރާލައި އޭނާގެ ލަޝްކަރު މާލޭގެ ބިމުގައި ބަލިކުރެއްވިއެވެ.

ހަނގުރާމައިން ދިވެހިންނަށް ނަޞްރު ލިބިމަށްފަހު، ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް ދޮން ޙަސަން މަނިކުފާނަށް ދަޢުވަތު އެރުވުނެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމެއް ބޭނުމެއް ނުވިއެވެ. އަދި މާލޭގެ ބޮޑުން އެމަނިކުފާނަށް ވެދުންކުރި 20000 (ވިހިހާސް) ލާރި އެމަނިކުފާނު، ހަވަރަށް(ރައްޔިތުންނަށް) އެއްވަރަށް ބަހާލެއްވުމަށް އެންގެވި އެވެ. އަދި މަލާބާރުން ހައްޔަރުކޮއްގެން ގެންދެވި ރާއްޖޭގެ ރަސްގެފާނު، ކޮރު ބަނޑާރައިން މާލެ ގެންނެވުމަށް ސިއްރިއްޔާތުގައި މަސައްކަތް ތަކެއް ކުރެއްވިއެވެ.

ހަނގުރާމަ ނިމި ދުވަސް ކޮޅެއް ވީފަހުން އަނެއްކާ މަލާބާރީންގެ ދެ ފުރެއްދެ އޮޑި މާލެއަށް އަންނާތީ ފެނުނެވެ. މި ފަހަރު ހަނގުރާމައިގެ ވަރުގަދަ އުކުޅެއް ދޮން ބަންޑާރައިން ބޭނުން ކުރެއްވިއެވެ. އެބައި މީހުންނަށް އޮޅުވާލެއްވުމަށް މާލޭގެ ބޮޑު ކޯއްޓޭއަށް މަލާބާރީންގެ ދިދަ ނަގައި، މަލާބާރީންގެ ހެދުން އަޅައިގެން އަތިރިމަތީ ފާރުމައްޗަށް މީހުން އަރާ ތިއްބެވެ. އެހެންކަމުން އެބައިމީހުން ހީކުރީ މާލޭގައި އަދިވެސް އޮތީ މަލާބާރީންގެ ވެރިކަން ކަމަށެވެ. ޖެހިލުމެއް ނެތި މާލޭގެ ކަނޑިންމާއިން އެތެރެއަށް ވަދެ އޮޑި ހައްޔަރު ނުކުރެވިގެން އުޅެނިކޮށް، މާލޭގެ ކަނޑިންމާ ބަނދުކޮށް އެބައިމީހުން ހައްޔަރު ކުރިއެވެ. މަލާބާރީންނާއި ހަނގުރާމަ ކުރުމަށް މިފަހަރުވެސް ކެޕްޓަން ދޮން ޙަސަން މަނިކުފާނު ބޭނުންކުރެއްވި ޙިކުމަތު އަމަލީގެ ސަބަބުން މާލޭގެ އަދި ރާއްޖޭގެ ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. އަދި މާލޭގެ ބޮޑުން އެއްވެ، މަޖިލިސްކޮށް ޞަލަވާތް ފާތިޙާ ކިޔުއްވައި މުލީގޭ ދޮން ޙަސަން މަނިކުފާނަށް ދިވެހި ލަޝްކަރުގެ އެންމެ މަތީވެރިކަން ހާވާލު ކުރެއްވެވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، ޢަލީ ރާޖާގެ 3 ނަވާއި 2 އޮޑި ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަދެއްޖެއް ކަމުގެ ޚަބަރު މަލިކު ކާސިން ކޮއިފުޅު މާލެގެންނެވުމުން، ދޮން ޙަސަން މަނިކުފާނުން ބޮޑުން އެއްކުރައްވައި މަޝްވަރާކުރައްވައި، ހަނގުރާމައިގެ ބެރު ޖައްސަވައިފިއެވެ. އަދި މަލާބާރުންނާއި ހަނގުރާމަ ކުރެއްވުމަށް ނުކުތުމަށް އެތަށް އޮޑިޔެއް ތައްޔާރު ކުރައްވައި އެއޮޑިތަކަށް ބޭނުންވާނެ ބަޑިޔާއި ބަޑިބޭހާއި ނޭޒަރާއި އެހެނިހެން ހަތިޔާރު ލެއްވުމުގެ އިތުރުން ކޮއްތު ބޯފެން ދަރުލައްވާ ކޮންމެ އޮޑިޔަކަށްވެސް ކުޅަދާނަ ހަނގުރާމަ ވެރިން ލެއްވިއެވެ. މި ހަނގުރާމައަށްވެސް އިސްވެ ހުދު ދޮންހަސަން މަނިކުފާނު ނުކުއްނެވުމަށް ނިންމެވުމުން، މާލޭގެ ބޮޑުން އެއްވެ އެމަނިކުފާނަށް ރަންނަ ބަނޑޭރި މަނިކުފާނުގެ ލަޤަބު އެރުވިއެވެ.

ދޮން ބަންޑާރައިންގެ ލަޝްކަރު ދެރޭ ދެދުވަހުގެ ދަތުރަކަށް ފަހު، މަލާބާރުން ކޯއްޓޭ ޖަހައިގެން ތިބި ހއ. ދޮނަކުޅިއާއި ހަމައަށް އާދެވުނެވެ. ދިވެހި ލަޝްކަރު ފެނުމުން އެކިރަށްރަށަށް ފޭރެން ގޮސްތިބި، ބަލާބާރީން އެބައި މީހުންގެ ކޯއްޓޭ (ދޮނަކުޅި) ދިފާޢުކުރަން ދިޔައެވެ. ނަމަވެސް ހިތްވަރުގަދަ ކޮމާންޑަރ ދޮން ޙަސަން މަނިކުފާނުގެ ދިވެހި ލަޝްކަރު ބޮޑު ބަޑިން ހަމަލާދީ ދޮނަކުޅީ ބަނދަރުގައި އޮތް މަލާބާރުންގެ ނާފަހަރު ހަލާކު ކޮއްލެއްވުމަށްފަހު، ރަށުތެރެއަށް އަރާ ހަނގުރާމަކޮށް މަލާބާރީންގެ އެންމެން ހައްޔަރުކޮށް، 100 ވަރަކަށް މީހުންގެ އަތްފައި ބުރިކޮށް އެބައި މީހުން ޤަތުލު ކުރެވުނެވެ. މިކަން މިގޮތަށް ކުރެއްވީ އެބައި މީހުން ރާއްޖޭގެ ރަށްރަށަށް އަރާ މީހުންގެ މުދާ ފޭރިގަންފައިވާތީއެވެ.

ހަނގުރާމައިން ނަޞްރާއި ފަތަޙަ ހޯއްދެވުމަށް ފަހު ދިވެހި ލަޝްކަރާއިގެން ދޮން ޙަސަން މަނިކުފާނު އެނބުރި މާލެ ވަޑައިގަތުމުން، އެ ދުވަސްވަރު މާލޭގައި އިސްކޮށް ތިއްބެވި ޢިލްމު ވެރިންނަށް ފެނިލެއްވީ ދޮން ޙަސަން މަނިކުފާނަށް އަލްޣާޒީ ކިޔުން ޞައްޙަ ވެއްޖެކަމަށެވެ. އެހެންކަމުން މުލީގޭ ޙަސަން ރަންނަ ބަނޑޭރި ކިލެގެފާނަށް "އަލްޣާޒީ ޙަސަން ރަންނަ ބަނޑޭރި މަނިކުފާނު" ކިޔުއްވައި ނަންފުޅު އަރުވައިފިއެވެ. ދޮން ބަންޑާރައިން އިސްވެ ހުންނަވާ 5 ހަނގުރާމައެއް ރާއްޖޭގެ ދިފާޢުގައި ކުރެއްވިއެވެ.

މިއަދު އަޅުގަނޑުމެން ހުރަވީ ދުވަސް ފާހަގަކުރަމުންދާއިރު ހަނދާނަށް ގެންނަންވީ އެދުވަހު ދިވެހިން ދެއްކި ނަމޫނާއެވެ. ދިވެހި ބިމުން އެންމެ ކައިވަތެއްވެސް ބޭރުބަޔަކަށް ނުދޭނެކަމެވެ. އެދުވަހު އެއީ ހޮޅިންނެވެ. ނުވަތަ މަލާބާރުންނެވެ. ވިސްނާލަންވީ މުޙިއްމު ނުގުތާއަކީ އެކަމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރުއަރާފަދަ ކަމެއް ނުކުރުމަށެވެ. އެފަދަ ކަމަކަށް މިދިވެހި ބިމުން ޖާގަ ނުދިނުމަށެވެ. އަޅުގަނޑުމެންގެ ކާބަފައިން އެތަކެއް ޤަރުނު ކުރިއްސުރެ ފެށިގެން މިއަދާއި ހަމައަށް މި ޤައުމު ދިފާޢުކޮށް އަޅުގަނޑުމެންނާއި ހަމައަށް މިނިވަން މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ގެނެސްދިން އިރު، އަޅުނގަޑުމެން ކޮންމެ ދިވެއްސެއްގެ ކޮނޑުގައި މިއަދު ވަނީ ބޮޑު ޒިންމާއެއް އެޅިފައެވެ.

ނޯޓް: މިލިޔުމަށް މައުލޫމާތު ހޯދީ " ކެޕްޓަން ދޮން ޙަސަން މަނިކުފާނު" މިފޮތުންނެވެ.

ލިޔުނީ: މުޙައްމަދު ލަޠީފް، އަމާޒް، ހދ. ކުރިނބި

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ