17 އަހަރުގެ ކުއްޖަކު ބްލެކްމެއިލް ކުރި ޒުވާނަކަށް ދައުވާކުރަން ފޮނުވަނީ!

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ބްލެކްމެއިލް ކުރަމުންދާ މައްސަލައެއްގައި ޒުވާނަކަށް ދައުވާކުރަން ފޮނުވަން ފުލުހުން ތައްޔާރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 17 އަހަރުގެ ކުއްޖަކަށް ބިރުދައްކާ ބްލެކް މެއިލް ކުރާ މައްސަލައެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރ 3 ގައި ފުލުހުންނަށް ހުށަހަޅައިފައިވާކަމަށެވެ.

މި މައްސަލައިގެ ތަހުޤީގުގައި ފޮރެންސިކް ހެއްކާއި ގަރީނާ މިހާރު ހޯދިފައިވާއިރު، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މި މައްސަލައިގެ އިތުރު ތަފްސީލެއް ނުދިންނަމަވެސް، މީގެ ތިން ދުވަސް ކުރިން އާއްމު ފަރާތަކުން މިފަދަ މައްސަލައެއް ވަނީ މީސްމީޑިއާގައި ފެންމަތިކޮށްފައެވެ.

އެގޮތުން، "އުރުބާ" ކިޔާ ޓްވިޓަރ އެކައުންޓަކުން، އޭނަގެ އަންހެން ކޮއްކޮއަކަށް، 24 އަހަރުގެ ފިރިހެނަކު ބްލެކްމެއިލްކޮށް ފުރައްސާރަކުރާ ކަމަށް ލިޔެފައިވެއެވެ. މި ޓްވީޓުގައި އެ ފިރިހެންމީހާގެ ވަނަވަރާއި ފޮޓޯވެސް ވަނީ ހިއްސާކޮށްފައެވެ.

އެ އަންހެންމީހާ މި ވާހަކަ ހިއްސާކޮށް ބުނީ، މީގެ ކުރިން އޭނަގެ ކޮއްކޮ އާއި އެ ފިރިހެން މީހާއާއި ރައްޓެހިވިކަމަށާއި، ނަމަވެސް މިދިޔަ އަހަރު އޭނަގެ އަންހެން ކޮއްކޮ އޭނައާއި ރުޅިވިވެފައިވާކަމަށެވެ. ނަމަވެސް އޭގެ ފަހުންވެސް، އެ ފިރިހެންމީހާ އޭނަގެ ކޮއްކޮއަށް މެސެޖުކޮށް، އަދި ގުޅާ ހަދާ ބިރުދައްކަމުންދާކަމަށެވެ.

މީގެ އިތުރުން އަންހެން ކުއްޖާގެ ފޮޓޯތައް މީސްމީޑިއާއިން އެހެން މީހުންނަށް ފޮނުވާ، ހަޑި ހުތުރު ބަހުން އަންހެން ކުއްޖާއަށް ފުރައްސާރަކޮށް، މާލެ ގޮސްފިނަމަ އެ ފިރިހެން މީހާގެ ހަގު ބޭބެއެއްގެ ގޭންގެއް ލައްވާ ރޭޕް ކުރާނެކަމަށް ބުނެވެސް ބިރު ދެއްކި ކަމަށް ލިޔެފައިވެއެވެ.

މިކަމުގެ ސަބަބުން އަންހެން ކުއްޖާއަށް ނަފްސާނީ ގޮތުން އެތައް އަސަރެއްކޮށް، ޑިޕްރެޝަން އާއި ކުރިމަތިވެފައިވާކަމަށް އޭނަގެ ދައްތަ ބުނެފައިވެއެވެ. އަދި މި ކަމަށް ހައްލެއް ހޯދުމަށް އެ ފިރިހެން މިހާއަށް މުހާތަބުކޮށްވެސް ހައްލެއް ނުލިބުމުން، ފުލުހުންނަށްވެސް މައްސަލަ ހުށަހެޅި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އަދިވެސް މިކަމަށް ފިޔަވަޅެއް އަޅައިފައިނުވާކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ