10 އަހަރު ފަހުން މާދަމާ ރާއްޖޭގައި ޕާޓްނާޝިޕް ފޯރަމެއް ބާއްވަން ފޮރިން މިނިސްޓްރީން ތައްޔާރު ވެއްޖެއެވެ.
މި ފާޓްނާޝިޕް ފޯރަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް ފޮރިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓުރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ގާތްގަނޑަކަށް 10 އަހަރު ފަހުން ރާއްޖޭގައި ބާއްވާ ޕާޓްނަޝިޕް ފޯރަމްގެ ބައިވެރިންނަށް ސަރުކާރުން ވިސްނާފައިވާ ބިނާކުރަނިވި އަދި ދެމެހެއްޓެނެވި ތަރައްގީ މަޝްރޫއުތަކުގެ މައުލޫމާތުތަކާއި ތަސައްވަރު ހިއްސާކުރެވިގެންދާނެ ކަމަށެވެ.
މާދަމާ ކުރުނބާ މޯލްޑިވްސްގައި ފަށާ ޕާޓްނާޝިޕް ފޯރަމްގައި 31.2 މިލިއަން ޑޮލަރު (481 މިލިއަން ރުފިޔާ) ހަރަދު ކުރާ މުހިއްމު ހަތަރު މަޝްރޫއުއެއްގައި ސޮއި ކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ.
މި މަޝްރޫއު ތަކަކީ:
- ޖަފާނުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް ހަރަދު ކުރުމަށް ދޭ 4.6 މިލިއަން ޑޮލަރު
- އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭން ނިންމައިފައިވާ 11 މިލިއަން ޑޮލަރު
- ޔޫރަޕިއަން ޔޫނިއަން އިން ގްރީން ހައުސް އެމިޝަނަށް ހަރަދު ކުރުމަށް ދޭ 5.6 މިލިއަން ޑޮލަރު
- އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ދޭ 10 މިލިއަން ޑޮލަރު
މިއީ ރާއްޖޭގައި ފާޓްނާޝިޕް ފޯރަމެއް ބާއްވާ ހަތަރު ވަނަ ފަހަރެވެ. ދެދުވަހުގެ މުއްދަތައް ބާއްވާ މިފަހަރުގެ ޕާޓްނާޝިޕް ފޯރަމުގައި ތިރީސް ފަސް ގައުމުން ބައިވެރި ވެއެވެ.




