ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ، އޭރުގެ ފިޝަރީޒް މިނިސްޓަރު މުޙައްމަދު ޝައިނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އޯޑިއޯއެއް ލީކު ވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގާތްގަނޑަކަށް ފަސް މިނެޓުގެ އޯޑިއޯ ކޮޅުގައި އިވެނީ ޝައިނީ އާއި އެހެން މީހަކާ ދެމެދު ދެކެވޭ ވާހަކަތަކެކެވެ. ނަމަވެސް އެއީ ކޮންއިރަކު، ކޮންތަނަކު އިނދެގެން ދައްކާފައިވާ ވާހަކަތަކެއް ކަމެއް ނޭނގެ އެވެ.
މި ކްލިޕްގައި ޝައިނީ ވިދާޅުވެފައިވަނީ، ކެބިނެޓަަށް އެންމެ އިހާނެތިކޮށް ހެއްދެވި ވެރިޔަކަށް ރައީސް ޔާމީން ވާނެ ކަމަށާއި، ރައީސް ޔާމީންގެ ކެބިނެޓަށް ދައުރު ނިމުނުއިރު ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ނުކުންނަން ޖެހުނީ ހުސްއަތާ ކަމަށެވެ. އޭރުތިބި ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓް ލިބޭނެގޮތް ހެއްދެވުމަށްވެސް އެދިފައިވާނެކަމަށް ޝައިނީ ވިދާޅުވިއެވެ.
ޝައިނީ އޯޑިއޯގައި ވިދާޅުވަނީ އޭނާ ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ބޭރު ގައުމުތަކާއި ސިޔާސީ ފަރާތްތަކާ އެކު ސަރުކާރުން ކުރި ހުރިހާ މަޝްވަރާއެއްގައި އިސްކޮށް އޭނާ ހުންނެވުމުން ކަމަށެވެ.
ޑރ ޝައިނީ ވިދާޅުވެފައިވަނީ، މިއަދު ރައީސް ޔާމީނަށް ކަމެއް ކޮށްދޭން ޖެހޭނޭ ވިދާޅުވެވެން ނޯންނާނެ ކަމަށެވެ. އަދި މިވެނި ކަމެއް ކޮށްދިނީއޭ ބުނެވެންވެސް ނޯންނާނެ ކަމަށެވެ.
ލީކު ވެފައިވާ އޯޑިއޯކޮޅުގައި ޝައިނީ ވިދާޅުވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ފަހު ވެސް އޭރުގެ ސަރުކާރު ވައްޓާލަން ވަރަށް މަސައްކަތް ކުރި ކަމަށާއި ވަރަށް ގިނަ ފައިސާ ހަރަދުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާއާ ހަވާލުވީ ވެސް އޭނާ ފޮނުވި ބަޔަކު ކަމަށް ވިދާޅުވި އެވެ. އަދި އިބްރާހިމް މުހައްމަދު ސާލިހަށް ވެރިކަމަށް ވަޑައިގަނެވުނީ ވެސް ޑރ ޝައިނީ މެދުވެރިވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށް ވިދާޅުވެފައިވާއިރު، ޑރ ޝައިނީ ވިދާޅުވާ ގޮތުގައި ވަކި މީހެއްގެ ވާހަކަ ދައްކާ ވަރަށް ނުވާ ކަމަށާއި، އެންމެންގެ ހާލު ވެސް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކި މީޓިންތަކުގެ އޯޑިތައް ވެސް ހުންނާނެ ކަމަށާއި އެހެންވެ ޝައިނީއާ ނުކުޅެވޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
މީގެއިތުރުން ޝައިނީ ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލަ ހަގީގަތް ހާމަވާގޮތަށް އެއްވެސް ސަރުކާރަކަށް ތަހުގީގުކުރަން ނުކެރޭނެ ކަމަށެވެ. އަދި ވިދާޅުވީ އެންމެ ގިނަ ލާރި ރިސީވްވެފައި ހުންނާނީ މިހާރު ތިބި މީހުންނަށް ކަމަށާއި، އެއީ ކުޑަކުއްޖަކު ވެސް ދަންނާނެ ވާހަކައެއް ކަމަށެވެ.
ޔާމީންގެ ވެރިކަން ނިމުނު ފަހުން ޝައިނީ ވަނީ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވިި ފަހުން ސިޔާސީ ކަންކަމުގައިވެސް އޭނާ ވާހަކައެއް ނުދައްކަވަ އެވެ.




ހިޔާލު
ދޭހަވީ ޔާމިން އެއްވެސްމީހަކަށް ނުހައްގުން ކަމެއްނުކުރައްވާކަން މިނިސްޓަރަށް ގާނޫނުން ލަޒިމުކުރާ ވަރުފިޔަވާ އިތުރު އެއްޗެއްނުދޭ ކަން ތިދޭހަވީ