"މާލޭގެ 37 މިސްކިތުގައި ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް އެބަހުރި"

މާލެ ސަރަޙައްދުގައި ހިމެނޭ 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް ހުރިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ގްރޭޓާރ މާލެ ސަރަޙައްދުގެ މިސްކިތްތަކާ ގުޅޭގޮތުން އެމިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް، ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 މޭ 2021 ވީ ބުދަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލެވިފައިވާކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި، ޖަމާޢަތް ހަދައިގެން ނަމާދުކުރަމުންދާތީ، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރުމަށް ނިންމުނުކަމަށާއި، މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައިވިއަސް ބައެއް ޢާންމު ފަރާތްތަކުން ޚާއްޞަ ޙާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާކަމަށް އެމިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"މާލެ ސަރަޙައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް ހުރިކަން ފާހަގަކުރަމެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ގްރޭޓާރ މާލެ ސަރަޙައްދުގެ މިސްކިތްތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ  އެ ސަރަޙައްދުގެ މިސްކިތްތަކަށް ނުވަދެވޭ ގޮތަށް މިސްކިތްތައް ބަންްދުކޮށް ފެން ކަނޑާލުމާއި ގުޅިގެން ދީނީ ޢިލްމުވެރިންނާއި، އިސް ފަރާތްތަކުގެ އިތުުރުން އާންމުންގެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އައިން ރާއްކާތެރިވުމުގެ ގޮތުން މިމަހުގެ 26 އިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 16:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ފަށާފައިވާއިރު، ކާފިއު ނޫން ގަނޑިތަކުގައި ބޭރުގައި އުޅުމަށް ފާހެއް ބޭނުންވެއެވެ. ނޫންނަމަ ޖޫރުމަނާ ކުރެއެވެ. އެގޮތުން މިހާރު މިސްކިތްތަކަށް އަރާ ވަކި ވަކި މީހުން ޖޫރިމަނާ ކުރާ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ. ނަމަވެސް އެ ޝަކުވާތަކާ ގުޅިގެން ފުލުހުން ބުނީ، މިސްކިތަކަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ނުކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ