އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އައްނަ ހަފްތާގައި ބައްދަލުކުރައްވާނެ ކަމަށް ބަކިންހަމް ޕެލަސް އިން ބުނެފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ދެބޭފުޅުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖޫންމަހުގެ 13 ވަނަ ދުވަހު ވިންޑަސަރ ކާރސަލްގައެވެ. އެދުވަސް ދިމާވަނީ ޖޭ7 ބައްދަލުވުމަކަށް ބައިޑަން އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ދުވަސްވަރާއެވެ.
މިބައްދަލުކުރެއްވުމާއެކު ބައިޑަން ވެގެންދާނީ އެމެރިކާގެ ރައީސްކަމުގައި ހުއްނަވާ ރާނީ އެލިޒަބަތު ދެވަނަ އާއި ބައްދަލުކުރައްވާ 12 ވަނަ ރައީސްއަށެވެ. ރާނީވަނީ ބައިޑަންގެ ކުރިން އެމެރިކާގައި ރައީސްކަން ކުރެއްވި ޑޮނަލްޑް ޓްރަމްޕް އާވެސް ބައްދަލުކުރައްވައިފައެވެ. މިބައްދަލުވުން ބާއްވައިފައިވަނީ 2019 ވަނަ އަހަރުއެވެ.

ވައިޓްހައުސް އިން މައުލޫމާތު ދޭގޮތުގައި ރައީސް ބައިޑަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއެވެސް އައްނަ ހަފްތާގެ ތެރޭގައިވަނީ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.
މިހާރު އުމުރުފުޅުން 95 އަހަރުފުޅުގެ ރާނީ، އެންމެ ފުރަތަމަ އެމެރިކާގެ ރައީސްކަން ކުރައްވަމުން ގެންދެވި ބޭފުޅުންގެ ތެރެއިން ބައްދަލު ކުރައްވައިފައި ވަނީ ހެރީ އެސް ޓުރޫމަން އާއެވެ. އެއީ ރާނީކަމަށް ހަމަޖެހުމުގެ ކުރިން 1951 ވަނަ އަހަރުއެވެ. ރާނީ ކަމުގައި މިހާތަނަށް ވޭތަކުރެއްވި 69 އަހަރުފުޅުގައި ރާނީވަނީ އެމެރިކާގައި ރައީސްކަން ކުރެއްވި ލިންޑަން ބީ ޖޯންސަން ފިޔަވައި ހުރިހާ ރައީސުންނާއި ބައްދަލު ކުރައްވައިފައެވެ.





ހިޔާލު
މިޤައުމަށްވެސް ޖައްސާލަބަލަ މީޓް ކޮށްލަން. .