ޕްރިންސް ހެރީ އާއި މޭގަން ދިރިއުޅުއްވާ ގެކޮޅުގެ ކައިރިން އިންސާނެއްގެ ކަށިތަނެއް ފެނިއްޖެއެވެ.
އެތަށް ސަތޭކަ އަހަރުވެފައިވާކަމަށް ބެލެވޭ މި އިންސާނެއްގެ ކަށިގަނޑު ފެނިފައިވަނީ މަސައްކަތު މީހަކަށް ކަމަށް ބޭރުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މި ކަށިގަނޑު ފެނުނު ސަރަހައްދުގެ ސީދާ އެޑްރެސް އާއްމުކޮށްފައި ނުވީނަމަވެސް، ޕްރިންސް ހެރީ، އާއި މޭގަން އަދި އޭނަގެ ދަރިކަލުން ކެލިފޯނިއާގައި ދިރިއުޅޭ ގެ، "މޮންޓެސިޓޯ މެންޝަން" އާއި މާ ދުރު ނޫން ސަރަހައްދެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ކަށިގަނޑުގެ އަސްލު އުމުރު ޔަޤީންކުރުމުގެ މަސައްކަތް ފޮރެންސިކް އިން ފަށައިފާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަރުޖަމާނަކު ބުނިގޮތުގައި، މި ކަށިގަނޑަކީ އެތައް ގަރުނެއްގެ ކުރީގެ މީހެއްގެ ކަށިގަނޑަކަށް ނުވެއްޖެނަމަ، އެކަން އިތުރަށް ތަހުގީގު ކުރާނެއެވެ.
މި ކަށިގަނޑު ފެނުމާއެކު އަތަނުގައި ކުރަމުން އައި މަސައްކަތް އެއްކޮށް ވަނީ ހުއްޓާލައިފައެވެ.
ޕްރިންސް ހެރީ އާއި މޭގެން ކެލިފޯނިއާއަށް ބަދަލުވެފައިވަނީ 2020 ވަނަ އަހަރުއެވެ. އެއީ ޝާހީ އާއިލާގެ ޒިންމާތަކުން އެއްކޮށް އެކަހެރިވުމަށް ނިންމުމަށްފަހުއެވެ. ކުޑަ ފިރިހެން އާޗީއާއެކު ޝާހީ އާއިލާ އާއި ވަކިން މިދެމަފިރިން މިހާރު އަމިއްލަ ދިރިއުޅުމެއް ފަށައިފައިވާއިރު، މޭގެން މިހާރު ހުރީ ދެވަނަ ދަރިފުޅު ބަލިވެއެވެ.




