މާވެލް ސިނަމެޓިކް ޔުނިވާސްގެ ތްރެއިން ގެނެސްދޭ "ތޯ" ގެ ހަތަރު ވަނަ ފިލްމް، "ތޯ ލަވް އެންޑް ތަންޑާ"ގެ ޝޫޓިން ނިއްމާލައިފިއެވެ.
މި ފިލްމްގެ ޝޫޓިން ނިއްމާލައިފައިވާކަން އިއުލާންކޮށް، ފިލްމްގެ ލީޑުން ފެނިގެންދާ އެކްޓަރ، ކްރިސް ހެމްސްވޮތް ވަނީ އިންސްޓަގްރަމްގައި ފޮޓޯއެއް ހިއްސާކޮށްފައެވެ.
"ތޯ" ގެ ތިންވަނަ ފިލްމް ޑައިރެކްޓް ކުރި ޓައިކާ ވައިޓީޓީ މިފަހަރުގެ ފިލްމްވެސް ޑައިރެކްޓްކުރާއިރު، ކްރިސް ބުނީ، މި ފިލްމްގައި މަސައްކަތް ކުރަން ލިބުމަކީ، އޭނާއަށް ކުރެވުނު ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ.
މީގެ އިތުރުން ކްރިސް ބުނީ، މިފަހަރުގެ ފިލްމް ހެއްވާ މަޖާވެފައި، އަދި އެހާ ހިތާމަވެރިވެސް ވާނެކަމަށެވެ.
މާވެލްގެ ގިނަ ފޭނުން އިންތިޒާރުކުރަމުން އަންނަ މި ފިލްމްގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި ފެށުމަށް ތާވަލަކޮށްފައިވީނަމަވެސް، ކޮވިޑް-19 ގެ ޕެންޑެމިކްއާއި ގުޅިގެން މި ފިލްމްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން ޝޫޓީން ސިޑްނީގައި ފަށައިފައިވަނީ މިދިޔަ ޖެނުވަރީ މަހުގެ ތެރޭގައެވެ.
"ތޯ"ގެ ސިލްސިލާ ފިލްމްތަކުގެ ތެރެއިން "ލަވް އެންޑް ތަންޑާ" އަކީ ކްރިސް ކުޅޭ މި ސިލްސިލާގެ 4 ވަނަ ފިލްމެވެ. އަދި މުޅިއަކު މާވެލްގެ ފިލްމްތަކުގެ ތެރެއިން މިއީ އޭނާ ކުޅޭ 8 ވަނަ ފިލްމެވެ.
"ޓެއިކާ ވައިޓިޓި" ޑައިރެކްޓް ކުރާ މި ފިލްމް އިން ކްރިސް ހެމްސްވޮތް ފެނިގެންދާއިރު ނެޓަލީ ޕޯޓްމަން މި ފިލްމްއިން އަނެއްކާވެސް އެނބުރި އަންނާނެއެވެ. ނެޓަލީ ޕޯޓްމަން މިފަހަރު ފެނިގެންދާނީ “ތޯ”ގެ އަންހެން ސުޕަހީރޯ އެއް ގޮތަށެވެ. މީގެ އިތުރުން "ވެލެކަރީ" ގެ ރޯލު އަދާކުރި އެކްޓްރެސް ޓެސާ ތޮމްޕްސަންވެސް މި ފިލްމުން ފެނިގެންދާނެއެވެ. އަދި ވިލަންގެ ރޯލުން ފެނިގެންދާނީ ކްރިސްޓަން ބޭލް އެވެ.
މި ފިލްމް ސިނަމާގައި އަޅުވަން ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ މެއި 6 ގައެވެ.




