ލީގު 1 ގެ ޗެމްޕިއަން ޕީއެސްޖީ އޮތީ ނޭމާ ވިއްކާލަން ތައްޔާރަށްކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފިއެވެ.
ކްލަބްގެ ކުޅިވަރާއި ބެހޭ ގޮތުން ނިންމަންޖެހޭ ހުރިހާ ނިންމުންތަކެއް ނިންމުމުގެ ބާރު ލެއަނާޑޯއަށް، ޕީއެސްޖީގެ ރައީސް ދީފައިވައިރު ބްރެޒިލްގެ ތަރި ނޭމާއަށް ހުށައެޅޭ ބިޑްތަކަށް ޕީއެސްޖީއިން އިންތިޒާރު ކުރަމުންދާކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
ނޭމާ ހޯދުމަށް ބޮޑެތި ގިނަ ކްލަބްތަކެއް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. އަނެއްކޮޅުން ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން އުޅޭ ކަމުގެ އަޑު ތަކެއްވެސް މިދޭތެރެއިންވަނީ ފެތުރިފައެވެ.
މީގެ ދެއަހަރު ކުރިން ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވީ 222 މިލިއަން ޕައުންޑަށެވެ. އޭރު ޚަބަރުތައް ފެތުރިފައިވާގޮތުން ނޭމާ ޕީއެސްޖީއަށް ބަދަލުވުމުގެ މައިގަނޑު ބޭނުމަކީ މެސީގެ ހިޔަނިން ސަލާމަތްވުމެވެ. އެހެންނަމަވެސް ޕީއެސްޖީގައި މިހޭދަކުރި ދެއަހަރުވެސް ނޭމާގެ ފަރާތުން ޕީއެސްޖީނން އުންމީދުކުރި ފަދަ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ގިނަދުވަސްތައް ނޭމާ ހޭދަކުރީ އަނިޔާގައެވެ.

އުމުރުން 27 އަހަރުގެ ނޭމާއަށް ނިމުނު ސީޒަންގައި އަނިޔާގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާއިރު ލީގު 1 ގެ 13 މެޗު ވަނީ ގެއްލިފައެވެ.
ކަނާތުފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއެކު މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާވެސް ނޭމާއަށްވަނީ ގެއްލިފައެވެ. އަނެއްކޮޅުން ނޭމާއަށް ރޭޕްގެ ތުޙުމަތުކޮށް ބްރެޒިލްގެ އަންހެނަކުވަނީ މިދިޔަ މެއި 31 ގައި މައްސަލައެއްވެސް ހުށައަޅާފައެވެ.
ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި ޕީއެސްޖީއިން ނޭމާ ވިއްކާލަން ނިންމާފައި މިވަނީ ނޭމާގެ ދަށް އަޚްލާޤާއި ކުރިމަތިވާ ބޮޑެތި އަނިޔާގެ ސަބަބުންނެވެ. އަދި ޚުދު ނޭމާވެސް ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަމަށް ރިޕޯޓްތަކުގައި ވެއެވެ.



