އެއްގައުމަށްވުރެ ގިނަ ގައުމުތަކުގައި ވިޔަފާރިކުރާ މަލްޓިނޭޝަނަލް ކުންފުނިތަކުންނަގާ ޓެކްސްގެ މިންވަރު އިތުރުކުރުމަށް ޖީ7 ގައުމުތަކުން ނިންމައިފިއެވެ.
ޖީ7 ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްގެންދާ ބައްދަލުވުމުގައި މި ނިންމުން ނިންމައިފައިވަނީ މަލްޓިނޭޝަނަލް ކުންފުނިތަކުން ޓެކްސް އަށް މަކަރުހެދުމަށް ކުރާކަންތައްތައް ހުއްޓުވުމަށްޓަކައެވެ.
މިބައްދަލުވުމުގައި ޖީ7 ގެ ގައުމުތަކުންވަނީ ކޯޕަރޭޓް ޓެކްސް ނަގާނެ އެންމެ ދަށްމިންވެސް ކަނޑައަޅައިފައެވެ. މިގޮތުން އެންމެދަށް އަދަދަކަށް ނެގޭނެ ޓެކްސް ކަމުގައި ނިންމައިފައިވަނީ 15 އިންސައްތައެވެ. މިއީ އެއްގައުމު އަނެއް ގައުމުން ޓެކްސް ނަގާމިންވަރު ކުޑަކުރުމަށް ކުރާ ކަންތައްތައް ހުއްޓުވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ޖީ7 ގައުމުތަކުގެ މި ނިންމުމާއެކު އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ޓެކްނޮލަޖީގެ ކުންފުނިތަކަށެވެ. މިގޮތުން ގޫގަލް އަދި އެމޭޒަން ކުންފުންޏަށް މި ނިންމުންތަކުގެ ސަބަބުން އަސަރުކުރާނެއެވެ.
މިހަފްތާގައި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އައިރިޝްގައި ހިނގާ މައިކްރޯސޮފްޓުގެ ސަބްސިޑިއަރީ ކުންފުންޏަކުންވަނީ އެއްވެސް ޓެކްސް އެއް ނުދައްކާ މިދިޔައަހަރު ސަލާމަތް ވެފައެވެ. އެއަހަރު އެކުންފުނިންވަނީ 315 ބިލިއަން ޑޮލަރުގެ ފައިދާ ހޯދައިފައެވެ. ޓެކްސް އަށް މިފަދަ މަކަރެއް ހަދައިފައިވަނީ ބަރމިއުޑާގައި ކުންފުނި ރަޖިސްޓްރީ ކޮށްގެންނެވެ.





ހިޔާލު
މި ޤައުމު ވެސް ތިކަމާ އެބަ ވިސްނާ. ޓެކުސް ނެގެން ދެން އޮތް ދިމާލެއް.