މިދިޔަ މަހުގެ 28 ގައި ޑިޒްނީ އިން ރިލީޒްކުރި ލައިވް އެކްޝަން ފީޗާ ފިލްމް "ކްރުއެއްލާ"ގެ ސީކުއަލް އެއް ގެނެސްދޭން ނިއްމާފައިވާކަމަށް ހަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
މި ފިލްމަކީ، ޑިޒްނީއިން 1961 އަހަރު ގެނެސްދިން އެނިމޭޓެޑް ފިލްމް "ވަން ހަންޑްރެޑް އެންޑް ވަން ޑެލްމޭޝަންސް" އިން ތައާރަފްވި ލެޖެންޑްރީ ވިލަން ކެރެކްޓަރ "ކްރުއެއްލާ ދި ވިލް" ގެ މައްޗަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ.
މި ފިލްމް މިހާރު ރިލީޒްކޮށްފައިވާއިރު، ފިލްމަށް ބެލުންތެރިންގެ ފަރާތުން ގިނައިން ލިބެމުންދަނީ ޕޮޒިޓިވް ކޮމެންޓްސްއެވެ.
ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސް، ހޮލީވުޑް ރިޕޯޓަރ އިން ބުނެފައިވާގޮތުގައި، ޑިޒްނީ ސްޓޫޑިއޯއިން މި ފިލްމްގެ ސީކުއަލް ގެނެސްދިނުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ވަނީ ފަށައިފައެވެ. އަދި ފިލްމްގެ ދެވަނަ ބަޔަށް، ފުރަތަމަ ފިލްމްގެ ޑައިރެކްޓަރ އާއި ސްކްރީންރައިޓަރ އެނބުރި އަންނާނެއެވެ.
ފޭނުންގެ ލޯބި ހޯދާފައިވާ، މި ވަރުގަދަ ކެރެކްޓަރ، "ކްރުއެއްލާ" ގެ ރޯލު ކުޅެފައިވަނީ އޮސްކާ ހާސިލްކޮށްފައިވާ އެކްޓްރެސް އެމާ ސްޓޯންއެވެ.




