ޔުނައިޓެޑް އެއާލައިން އިން ފަސިންޖަރުން އުފުލުމަށް 15 ސުޕަސޮނިކް ފްލައިޓް ގަތުމަށް ނިއްމާފައިވާކަމަށް އިއުލާންކޮށްފިއެވެ.
ސުޕަސޮނިކް އެއާލައިނެއްގެ ގޮތުގައި މަޝްހޫރުވި އިނގިރޭސި-ފްރާންސްގެ ކޮންކޯޑްގެ ދަތުރުތައް 2003 ވަނަ އަހަރު ހުއްޓައިލިތާ 17 އަހަރު ފަހުން އަނެއްކާ ވެސް ކުންފުންޏަކުން ސުޕަސޮނިކް ޖެޓްތައް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަސައްކަތް ފެށީ، އެމެރިކާގެ ޑެންވާގެ ކުންފުންޏެއް ކަމަށްވާ ބޫމް ސުޕަސޮނިކް އެވެ.
އެއާލައިން އިން ރާވަފައި އޮތް ގޮތަށް ޕްލޭން ކުރިއަށް ގޮސްފިނަމަ، މި ޖެޓް ތައް ވެގެންދާނީ، 2003 ވަނަ އަހަރުގެ ކޮންކޯޑްގެ ދަތުރުތަކުގެ ފަށުން، ދަތުރުތައް ފަށާ ފުރަތަމަ ކޮމާޝިއަލް ސުޕަސޮނިކް ފްލައިޓް ތަކަށެވެ.
ބޫމް ސުޕަސޮނިކުން ބުނިގޮތުގައި މި ފްލައިޓް ނިއްމޭވަރު ވާނީ 2025 ވަނަ އަހަރުއެވެ. އަދި ދަތުރުތަކުގެ ޓެސްޓް ފްލައިޓްތައް 2026 ވަނަ އަހަރު ފަށާނެއިރު، ފަސިންޖަރުން ގޮވައިގެން ސުޕަސޮނިކް ޖެޓްތަކުގައި ދަތުރުތައް ފެށޭވަރު ވާނީ 2029 ވަނަ އަހަރުއެވެ.
ސުޕަސޮނިކް ފްލައިޓޭ ކިޔަނީ އަޑަށް ވުރެ ބާރަށް ދަތުރުކުރާ އެއާކްރާފްޓްތަކަށެވެ. ބޫމް ސުޕަސޮނިކުން އިން އުފައްދާ މި ސުޕަސޮނިކް ފްލައިޓް ތަކާއެކު، މިހާރު މި ކުރާ ދަތުރުތަކަށް ނަގާ ވަގުތުތަކަށް ވުރެ އެތައް ގުނަ އަވަހަށް ވައިގެ މަގުން ދަތުރުކުރެވޭނެއެވެ.
މިސާލަކަށް ނިއު ޖާރޒީ އިން ލަންޑަންނަށް އާދައިގެ ފްލައިޓެއްގައި ދަތުރު ކުރުމަށް މިހާރު 7 ގަޑިއިރާއި 30 މިނެޓް ހޭދަވާއިރު، ސުޕަސޮނިކް ފްލައިޓެއްގައި ހޭދަވާނީ 3 ގަޑިއިރާއި 30 މިނެޓެވެ.



