ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގު މިމަހު ފެށިފައިވާއިރު ޓީސީ، ފޯކައިދޫ އަދި ދަގްރާންޑޭވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެއްޓި މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފ.ނިލަންދޫ އަދި ދަގްރާންޑޭއެވެ. ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭއިން މިމެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި ދަގްރާންޑޭ އިން މެޗުގެ ލީޑު ނަގައިފައިވާއިރު މާޒިޔާގެ ކުރީގެ ވިންގާ އަހުމަދު އިމާޒް (އާއްކޮ) ދިން ބޯޅައަކަށް އަރާ އޭރިއާ ތެރެއިން ހިތްގައިމުކަމާ އެކު ބޯޅަ ވައްދާލައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ވިޖުދާން (ވިޖޫ)އެވެ. އަދި ދަގްރާންޑޭގެ ދެވަނަ ލަނޑު އަހުމަދު ނިޒާމް ތަނަވަސްކޮށްދިން ބޯޅައަކުން ތޮލާލް ނަސީރު ޖަހައިދިނީ މެޗުގެ 82 ވަނަ މިނަޓްގައެވެ.

ޓީސީ ކުޅުނު ފުރަތަމަ މެޗުން ފަސޭހަ ކަމާއެކު ވިކްޓްރީގެ މައްޗަށްކުރި ހޯދިއިރު މިމެޗު ޓީސާއިން ކާމިޔާބުކުރީ 4-0 ގެނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓީސީއިން ތިން ލަނޑުޖެހިއިރު، މެޗުގައި ޓީސީއިން ޖެހި ފުރަތަމަ ދެ ލަނޑުވެސް ޖަހައިދިނީ ޝަފްލޭއެވެ. ޓީސީގެ ތިންވަނަ ލަނޑު އީސަ ދިން ފުރަސަތަކުން ޖަހައިދިނީ މުހައްމަދު އަޖުފާންއެވެ.
ޓީސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ޖެހީ އަތީގް އެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓްރީ އަދި ށ.ފޯކައިދޫ ބައްދަލުކޮށްފައި ވާއިރު މިމެޗު ފޯކައިދޫއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފޯކައިދޫ ޓީމުގެ ފަރާތުންނެވެ. މެޗުގެ 66 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ފޯކައިދޫ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާމިއު (މައިތޯ)އެވެ.
ފޯކައިދޫއިން ލަނޑުޖެހިތާ ހަތަރު މިނަޓްފަހުން ނައްޓޭ ލަނޑެއްޖަހައި ޔުނައިޓެޑް ވިކްޓަރީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފޯކައިދޫއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ހަސަން ފުއާދު (ޖެކް) އެވެ. ޖެކް މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 75 ވަނަ މިނިޓްގައެވެ.



