އޮޑިޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިތުރު ކުރައްވައިފިއެވެ.
އޮޑިޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތުގެ މުއްދަތު، 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްދެއްވާފައެވެ.
އެހެންކަމުން މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވަނީ، 2021 ޖޫން 15 އަދި 16 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި، މި ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.presidency.gov.mv އެވެ.
އޮޑިޓަރ ޖެނެރަލް މަޤާމު ހުސްވެފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު މި މަހުގެ 12 ވަނަ ދުވަހު މަޤާމުން އިސްތިޢުފާ ދެއްވާފައިވާތީއެވެ. ޒިޔަތު އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޒިޔަތަށް ވެސް ލިބިފައިވާ ކަމަށް ތުހުމަތުކުރުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި ސިޓީގައި ޒިޔަތު ވިދާޅުވީ މިފަދަ ތުހުމަތެއް ކުރެވުމުން އެ މަގާމުގައި ދެމި ހުރުމަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ގަދަރާއި ކަރާމާތަށް އުނިކަން އަންނާނެކަމެއް ކަމަށް ދެކޭ ކަމަށެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ލިސްޓުގައި އޮތް ކަން ވެސް އެނގިވަޑައިގަތީ، ލިސްޓު އާއްމުކުރުމުންނެވެ. އޭނާގެ ނަން ލިސްޓުގައި އޮތަސް މިހާތަނަށް ސުވާލެއްކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.