މިދިޔަ ހަފްތާ ބަންދުގައި ދެކުނު ދާރްފޫރުގެ އަރަބި ގަބީލާއަކާއި އަދި އަރަބި ނޫން ގަބީލާއަކާއި ދެމެދު ހިނގި ހަމަނުޖެހުން ތަކެއްގައި 36 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.
ސުނާ ހަބަރުފަތުރާ އިދާރާއިން ރިޕޯޓުކުރާ ގޮތުގައި މި ދެގަބީލާގެ ދެމެދު ހިނގި ހަމަނުޖެހުންތައް ހުއްޓި ހަމަޖެހުން ގާއިމު ކުރެވިފައިވަނީ އަސްކަރީ ފައުޖުތަކުން އެސަރަހައްދަށް ފޮނުވައިގެން ހޯމަ ދުވަހުއެވެ.
ދެ ގަބީލާގެ ދެމެދުގައި ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު ބިމުގެ މައްސަލަތަކުގައާއި އަދި ފެން ހޯދުމުގެ މައްސަލަތަކުކައި ދާރްފޫރް ރީޖަންގައި ދޭތެރެދޭތެރެއިން ހަމަނުޖެހުންތައް ހިނގައެވެ. މިފަހަރު ހިނގި ހަމަނުޖެހުންތަކުގައި ހަތިޔާރު ގިނަ އަދަދަކަށް ބޭނުން ކޮށްފައިވާކަމަށްވެސް މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ހުޅަނގު ދާރްފޫރްގައި ހިނގި މިފަދަ ހަމަނުޖެހުންތަކެއްގައި އޭޕްރީލްމަހުވެސް 132 މީހުން މަރުވެފައި ވެއެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން ކުއްލިހާލަތުވެސް އިއުލާން ކޮށްފައި ވެއެވެ. ދާރްފޫރްގެ ހުޅަނގާއި އަދި ދެކުނުގައި ދިރިއުޅެމުންދާ އަރަބި އަދި އަރަބި ނޫން ގަބީލާތަކުގެ ދެމެދު ޖެނުއަރީމަހު ހިނގި ހަމަނުޖެހުންތަކުގައިވެސް 250 ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
ދާރްފޫރްގައި ސުލްހަ ގާއިމު ކުރުމަށް ހަރަކާތްތެރިވި އ.ދ ގެ ފައުޖުތަކާއި އެފްރިކަން ޔޫނިއަންގެ ފައުޖުތަކުން މިޝަން ނިންމާލުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ދާރްފޫރުންވަނީ ފައިބައިފައެވެ.




