ކުނބުރުދޫ މިސްކިތުގެ މައި ދޮރު - ފޮޓޯ: ފެށުން

ކުނބުރުދޫ މިސްކިތަކަށް މިވަރުކުރަން ހެޔޮވާނެތަ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެން އައިސްފައިވާ ޞައްޙަ ޙަދީޘްތަކުން ދަލީލް ލިބޭގޮތުގައި، މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. އިސްލާމީ ބިނާތަކެވެ. އިސްލާމީ ވަހުދަތުގެ ރަމްޒުތަކެވެ. އެފަދަ ދެވަނައެއް ނުވާ މުސްލިމުން އެންމެ ލޯބިވާންވީ ތަންތަނަކީ އެއީއެވެ.

ތިލަދުންމަތީ ދެކުނުބުރީގެ މެދުގައި އޮންނަ ކުޑަ ފަޅުރަށެއް ކަމަށްވާ ކުނބުރުދޫއަކީ މީގެ އަހަރުތަކެއް ކުރިން މީހުން ދިރުއުޅުނު ރަށެކެވެ. އާބާދީ ކުޑަވުމުގެ ސަބަބުން ރަށުގެ ސްކޫލްގެ ކިޔެވުން ހުއްޓުމަކަށްއައިސް، އެކަށީގެންވާ ޞިއްޙީ އަދި ރަށްވެހި ޚިދުމަތްތަށް ރަށުން ލިބެން ނެތުމުގެ ސަބަބުން ހިޖުރަކުރަން ރަށުގެ ރަށްވެހިންނަށް މަޖުބޫރުވި ރަށެކެވެ. 2011 ވަނަ އަހަރުގެ ތެރޭގައި ކުނބުރުދޫގެ ކުޑަ އާބާދީ ވަނީ މިއަތޮޅު ނޮޅިވަރަންފަރަށް ހިޖުރަކޮށްފައެވެ.

މީގެ އަށް އަހަރު ކުރިން ފަޅުރަށަކަށްވި ކުނބުރުދޫއަށް އަޅުގަނޑުމެންގެ ނޫސްވެރިން ކުރި ޒިޔާރަތުގައި ފެނުނު މަންޒަރު ސިފަކޮށްދޭންވެސް ދައްޗެވެ. ކުރިނބީގެ އަވަށްޓެރިންގެ ގޮތުގައި ތިބި ކުނބުރުދޫގެ އާބާދީ ކުޑަ ނަމަވެސް އަމިއްލަ ފަރުދެއްގެ ހިލޭ އެހީގައި އެރަށުގައި ބިނާކޮށްފައިވާ މިސްކިތަކީ އަތޮޅުގައި ފާހަގަކޮށްލެވޭ ޖާގަ ތަނަވަސް، ރީތި މިސްކިތެއް ކަމަށް މަޢުލޫމާތު ލިބިހުރި ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް، ބަލަން ބޭނުންނުވި ނަމަވެސް ފެނިގެންދިޔައީ ހިތްދަތި މަންޒަރުތަކެކެވެ.

މީހުން ދިރުނޫޅޭތާ އަހަރުތަކެއް ވުމުން މިސްކިތާ އިންވެފައިވާ މަގުތަކާއި މިސްކިތު ގޯތިތެރޭގައި ވިނަހެދި ވާވެފައި ވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިސްކިތް މިސްކިތުގެ ގޮތުގައި ހުންނާނެކަމަށް އުއްމީދު ކުރީމެވެ. ނަމަވެސް ހަމަލޮލުން ފެނިގެންދިޔައީ އިޒްރާއީލުގެ ލާއިންސާނީ ސިފައިން މުސްލިމުންގެ މުޤައްދަސް މިސްކިތެއް ކަމަށްވާ މަސްޖިދުލް އަޤްޞާ ސުންނާފަތިކުރި ފަދައިން ކުނބުދޫގައި ހުރި ހިތްގައިމު މިސްކިތްވެސް ސުންނާފަތި ކޮށްފައިވާ މަންޒަރެވެ.

ކަރަންޓު ވައިރުތަކުގެ ބޭނުމުގައި ބަޔަކު ވަނީ މިސްކިތުގެ ފުރިހަމަ ސީލިންގ އެއްކޮށް ހަލާކުކޮށް މިސްކިތުގެ ތެރެއަށް އުކާލާފައެވެ. މިސްކިތުގެ ބޮކިތަކާއި، ސީލިންގ ފަންކާތައް ވަނީ ވަގަށް ގެންގޮސްފައެވެ. އެއްވެސް ބޭނުމެއްނެތި މިސްކިތުގެ ހުރިހާ ދޮރުތަތްކުގެ ބިއްލޫރިތައް ވަނީ ތަޅާ ސުންނާފަތިކޮށް މިސްކިތުގެ ތެރެއަށް އުކާލާފައެވެ. މިސްކިތު ތެރޭގައިހުރި ހިތްގައިމު ޖާލިތައް (ލަކުޑި ފުރޭމްތައް) ވަނީ ބިންދާ ސުންނާފަތި ކޮށްފައެވެ. މިސްކިތު ފާހާނާބަރީގައި އެންމެ މުޑަމިނުން ފުރާޅުވެސް ނެތެވެ.

މިވަރުން ނިމުނީމީ ނޫނެވެ. މިސްކިތުގެ އެތެރެއާއި ބޭރުގެ ފާރުތައް ވަނީ ޒިޔާރަތްކުރާ މީހުން ނަންލިޔާ ފޮތަކަށް ހަދާފައެވެ. ކަންކަން ކުރި ތާރީޚްތައް ފާހަގަކުރާ "ޑައިރީ" އަކަށް ހަދާފައެވެ. ފޯނު ނަންބަރު ޑައިރެކްޓަރީއަކަށްވުރެ ނަންބަރުތައް ގިނައެވެ. އަތޮޅުގެ ގިނަ ރަށްތަކުގެ ޒުވާނުންގެ ތެރެއިން ދަންނަ އެތައް ފަރާތެއްގެ ނަން މިސްކިތުގެ ފާރުތަކުން ފެނުނެވެ. ދެލިން ލިޔެފައިވާ ލިޔުންތަކުގައި މިސްކިތުގެ ކަރާމާތަށް އުނިކަން އަންނަ އެތައް ލިޔުންތަކެއް ފެނި ކަރުނު ހިލޭވަރުވެއެވެ.

އޮށްކެޔޮ (ކަނަމަދު) ބިންނަ މައިދާނަކީވެސް މިސްކިތަށް ހަދާފައިވާއިރު، ޑަސްބިނަކީވެސް އެއީއެވެ. ޕިކްނިކް އައިސް ދަޅު ފުޅި ބޮއެ ކޭހާ އެއްޗެއްގެ ކުނިތައް އުކާފައިވަނީ މިސްކިތަށެވެ. މީ ސައްތައިން ސައްތަ މުސްލިމު ޤައުމަކުން ފެންނާނެ މަންޒަރެއްކަމަށް މީގެ ކުރިން ޤަބޫލު ނުކުރެވުނަސް ހަމަލޮލުން ފެނުނު މަންޒަރު ޤަބޫލުކުރުން މަޖުބޫރުވިއެވެ.

ކުނބުރުދޫއަކީ އަތޮޅުގެ މެދުގައި އޮތް ފަޅުރަށެއްކަމުން މޫސުން ރަނގަޅު ދުވަސްވަރު އެރަށަކީ ގިނަ ބަޔަކު ޕިކްނިކް ދިއުމަށް ބޭނުންކުރާ ރަށެއްކަމުން އެރަށުގައި ހުރި މި މިސްކިތަށް ގެއްލުންދިނުމަކީ، އެއްގޮތަކަށްވެސް ބަލައިގެނެވޭނެ ކަމެއް ނޫނެވެ. މީހުން ދިރިނޫޅުނު ނަމަވެސް މިސްކިތް ވާނީ މިސްކިތަށެވެ. އެއީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތައްކަން ކަށަވަރެވެ.

rrem

ކުނބުރުދޫގެ ހިތްގައިމު މިސްކިތަށް ގެއްލުންދިނުން، މި ނޫހުން ހަރުކަށި އިބްރާތުން ކުށްވެރި ކުރަމެވެ.

ކުނބުރުދޫގެ ހިތްގައިމު މިސްކިތަށް ގެއްލުންދިނުން، މި ނޫހުން ހަރުކަށި އިބްރާތުން ކުށްވެރި ކުރަމެވެ.

ނޯޓް: މިއީ "ކުރިނބީ އޮންލައިން" ގައި ޝާއިއު ކޮށްފައިވާ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ