އިސްލާމްދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ބިލުގައި ހިމަނަން ޖެހޭ: މިނިސްޓްރީ

އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުން" މި ނަމުގައި 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާކޮށް އެ ބިލު ފާސްވެގެން އަންނަ އިރު ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ބުރޫއަރާ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން  މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މި މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު
ތިންކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި މި މިނިސްޓްރީން ދެކޭކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއްގައުމުތަކުން ނުވަތަ ޖަމާޢަތްތަކުން ޖަރީމާތައް ހިންގާހިނދު އެކަމާދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް ހިންގާ ސުލްޙަވެރި ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަކަންކަން ޖިނާއީ މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށް ވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައި ވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ، މުޖުތަމައުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫން ވެސް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމާއި އެކި ބާވަތުގެ ވާދަވެރިކަމުގައި ފިތުނަ ފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންތައްތައް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކަށް މިނިސްޓްރީން ތަރުހީބު ވެސް ނުދޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކުރާއިރު، މަޖިލީހުން އެ މިނިސްޓްރީގެ ރައުޔު އޮޅުންފިލުވުމަކީ މަޖިލީހުން ކުރި ރަނގަޅު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ބިލު ފާސްވެގެން އަންނަ އިރު ދީނީ އިލްމުވެރިންގެ ލަފަޔަށް ބިނާކޮށް މިނިސްޓްރީން ހުށަހެޅު ރައުޔުގައި ހުރި ކަންތައްތަކަށް ރިއާޔަތްކޮށް، އެ އިސްލާހުތައް ހިމަނާނެ ކަމާށް އުންމީދުކުރާ ކަމަށެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅަފައިވާ އިސްލާހުގެ ބިލުގައި ބުނެފައިވަނީ، އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅައިފައި ވަނީ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ