މެކަފީ އެންޓިވައިރަސް ސޮފްޓްވެއާގެ ބާނީ، ޖޯން މެކަފީ ސްޕެއިންގެ ޖަލެއްގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ބާސެލޯނާ ސިޓީ ކައިރީ ހުންނަ ޖަލެއްގައި ޖޯން މެކަފީ މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ސްޕެއިންގެ ސަރުކާރުގެ އޮފިޝަލުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. ނަމަވެސް މަރުވެފައި ވަނީ ކިހިނެއް ކަމެއް ނުވަތަ ސަބަބެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ޖޯން މެކަފީ މަރުވެފައި މިވަނީ، ޓެކުހަށް މަކަރު ހެދުމާއި ގަތުލާއި ޑްރަގް ވިޔަފާރި ފަދަ މައްސަލަތަކުގެ ތުހުމަތުގައި އޭނަގެ މައްޗަށް ކުށް ސާބިތުވެ، އެމެރިކާގެ ޖަލުގައި ހުކުން ތަންފީޒުކުރުމަށް ސްޕެއިންގެ ކޯޓުން ނިއްމިނިއްމުން ބަދަލުކުރުމަށް މަސައްކަތްކޮށް، ކޯޓުގައި ނާކާމިޔާބީއާއި ކުރިމަތިވިތާ ގަޑިއިރު ތަކެއް ފަހުންނެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމާއެކު، އެމެރިކާގެ ޖަލުގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަންޖެހޭނެއެވެ.
ޖޯން މެކަފީ މަރުވެފައި އޮއްވާ ފެނިފައިވަނީ ދަންޖެހިގެން ކަމަށްވެސް ބައެއް ޙަބަރުތަކުގައި ރިޕޯޓުކޮށްފައި ވީނަމަވެސް، ރަސްމީ އިދާރާއަކުން އެކަން އަދި ކަށަވަރުކޮށެއްނުދެއެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އިންޖިނިއަރެއްގެ ގޮތުގައި ކެރިއަރު ފެށި މެކަފީގެ މަގުބޫލުކަން ބޮޑުވެގެން ދިޔައީ 1987 ގައި ވުޖޫދަށް ގެނައި ސޮފްޓްވެއާ ކުންފުނި މެކަފީ އެސޯސިއަޝަނާ އެކީގަ އެވެ. އެކަމަކު އެ ކުންފުނިން 1994 ގައި މެކަފީ ވަނީ ވަކިވެފަ އެވެ. އޭގެ ފަހުން އޭނާ ވަނި އިތުރު ކުންފުނިތައްވެސް އުފައްދާފައެވެ.



