ބަވަނަވެފައިވާ ދުނިޔޭގައި ޤައުމުގެ ދިފާއުގައި ތެދުވަން ޖެހޭނީ ކަނޑި ބަޑި ހިފައިގެން ނޫންކަމަށް ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވީ، ދިވެހިންގެ މި ދީބަކީ ބިންކުޑަ، އަދަދު މަދު، ވަސީލަތްތައް މަޙްދޫދު ދައުލަތެއް ނަމަވެސް، ފަޚުރުވެރި ތާރީޚަކާއި، ޝަރަފްވެރި އަޙްލާގީ މަތިވެރި ޒިކުރާތަކެއް އެކުލެވިގެނވާ ފުފިހަމަ ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ.
ޒަމާނުންސުރެ ދިވެހިން އައީ ކާބަފައިންގެ ހަނދާންތަކާއި ޒިކުރާތައް އާކޮށް، މިނިވަންކަމާއި ސިޔާދަތު ރައްކާކޮށް، ދީނާއި ޤައުމު ހިފަހައްޓަމުން ކަމަށާއި، ދީނާއި ޤައުމުގެ ހިމާޔަތުގައި ކާބަފައިން ނަމޫނާއެއްފަދަ މިސާލު ދައްކާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ޤައުމުގެ ހިމާޔަތުގައި ތެދުވަންޖެހެނީ ކަނޑި ބަޑި ހިފައިގެނެއް ނޫން، މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެނީ ވިސްނުންތެރިކަމާއި، ހިކުމަތާއި ފިކުރާއެކު." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޤައުމުތަކާއި ޚަޟާރާތްތަކަށް ގޮންޖެހުންތައް ކުރިމަތިވެފައިވަނީ، އެދުވަސްވަރެއްގެ އާޖުފާޖުގެ ތެރެއިން ކަމަށާއި، އަޅުގަނޑުމެންގެ ކާބަފައިން ރާއްޖެ މިހާހިސާބަށް ގެނައުމުގައި އެ ގޮންޖެހުންތަކާ ކުރިމަތިލާފައިވަނީ، އެދުވަސްވަރުގެ ހާލަތާއި، އެދުވަސްވަރުގެ ކަންތައްތަކުގެ ތެރެއިން ކަމަށެވެ.
"އެވޭލާ ޒަމާނުންސުރެ ކާބަފައިން ރާއްޖެ ހިމާޔަތްކުރީ އެދުވަސްވަރު ލިބެންހުރި ވަސީލަތްތަކާއި، ސާމާނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން. މިއަދު މިވަނީ ޒަމާން ބަދަލުވެފައި، ހާލަތު ބަދަލުވެފައި. މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާއި އުދުވާންތައް ވަނީ ބަދަލުވެފައި." އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެހެންކަމުން އިސްލާމްދީނާއި ޤައުމު ހިމާޔަތް ކުރުމުގައި، ޒަމާނާއި ހާލަތުގެ ފިކުރަށް ވިސްނައި، އެކަމާ ދޭތެރޭ ނަޒަރު ހިންގައި، އޭގެ މައްޗަށް ތެދެވެގެން މެނުވީ ދިވެހި ޤައުމު ހިމާޔަތް ނުކުރެވޭނެ ކަމަށެވެ.
ދިވެހިންގެ ސިކުންޑިތަކަށް އަމާޒުވެގެން އަންނަ ނުރައްކާތެރި ވިސްނުންތަކުން ދުރުކުރެވޭނީ، ރަނގަޅު ބީދައަކުން އަމާޒު ކުރެވޭ ތެދުވެރި މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، މާދަމާއާ ހަމައަށް އިއްޒަތާއި، ކަރާމަތާއެކު ދިވެހި ޤައުމު ގެންގޮސްދެވޭނީ އަދުގެ ޖީލު ކުރި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަދު ބަވަނަވެފައިވާ ދުނިޔޭގައި ބައިނަލްއަޤްވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް ދާހިނދު، އަޅުގަނޑުމެންނަށް ކުރިމަތިވަމުން އަންނަ ކަންތައްތަކާމެދު ވިސްނާ ފިކުރުކޮށް، އެކަންކަމާ ހުށިޔާރުކަމާއެކު ކުރިމަތިލުމުގެ ވިސްނުން ދިވެހި ޒުވާނުންގެ ކިބައިގައި، ޚާއްޞަކޮށް ދިވެހި ސަލާމަތީ ބާރުތަކުގެ ކިބައިގައި އުފައްދަން ޖެހޭ." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.