ލެބަނާނަށް އެތެރެކޮށްގެން ބޭނުންކުރާ ބޭސް ހުސްވަނީ

ލެބަނާނަށް އެތެރެކޮށްގެން ބޭނުން ކުރާ ޒަރޫރީ ބޭސްތަކުގެ ސްޓޮކް ހުސްވާން ކައިރިވެފައިވާކަމަށް އެގައުމަށް ބޭސްއެތެރެކުރާ ކުންފުނިތަކުން ބުނެފިއެވެ.

ލެބަނާނަށް ބޭސް އެތެރެކުރުމަށް ދަތިތަކާއި ކުރިމަތިވެފައި މިވަނީ އެގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމުންނެވެ. ލެބެނާނުގެ ސެންޓްރަލް ބޭންކުން ޒަރޫރީ ބޭސްތައް އެތެރެކުރުމަށް ދެމުންދިޔަ އެހީތައް ހުއްޓާލުމަށްވެސް މިހާރު އައްނަނީ މަޝްވަރާ ކުރަމުންނެވެ.

ބޭސް އެތެރެކުރާ ކުންފުނިތަކުން ބުނެފައިވަނީ، ސެންޓްރަލް ބޭންކުން އެއްބަސްވެފައިވާ ގޮތަށް އެފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެމުން ނުދާކަމަށެވެ. މިކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކަށް 600 މިލިއަން ޑޮލަރު ދަރާފައިވާ ކަމަށެވެ. މި އަދަދުތަކަކީ މިދިޔައަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ނުދެއްކި ގިނަވަމުން އައިސްފައިވާ ފައިސާކަމަށް އެކުންފުނިތަކުން މައުލޫމާތު ދެއެވެ.

ވީއެންމެ އަވަހަކަށް ބޭސްއެތެރެކުރަން ނުފެށިއްޖެނަމަ ދިގުމުއްދަތަށާއި ފަސޭހަނުވާ ބަލިތަކަށް ބޭނުންކުރާ އެތައްސަތޭކަ ބޭހެއް ޖުލައިމަސްތެރޭ އެކީއެކަށް ހުސްވެގެންދާނެކަމަށްވެސް ބޭސްއިމްޕޯޓްކުރާ ކުންފުނިތަކުން މައުލޫމާތު ދެއެވެ.

މިދިޔައަހަރުގެ އޮގަސްޓް ހަތަރުވަނަ ދުވަހު ލެބަނާނުގެ ބަނދަރެއްގައި ގޮވި ބާރުގަދަ ގޮވުމާއެކު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ލެބަނާނުގެ ސަރުކާރުވަނީ އިސްތިއުފާދީފައެވެ. މިހާތަނަށް އައި އިރުވެސް އާ ކެބިނެޓެއް އެކުލަވާލުމަށް އެގައުމުގެ ސިޔާސީ ފަރާތްތައްވަނީ ނުކުޅެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ