ރިޔާސީ ބަޔާނަށް އެމް.ޑީ.ޕީގެ ޝުކުރާއި މުބާރިކުބާދީ

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއައްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި، ރައްޔިތުންނަށް އުއްމީދު ގެނެސްދެނެވި ރިޔާސީ ބަޔާނަށްޓަކައި އެމަނިކުފާނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ ދަންނަވައިފިއެވެ.

މިކަމަށްޓަކައި އެޕާޓީއިން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތައްގެނެސްދިނުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހާމަކުރެއްވި ސިޔާސަތުތަކާއި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފި ކަމަށާއި ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން ބޮޑު ބަދަލަކާއެކު ފެނިގެންދާނެކަމާމެދު ޝައްކެއްނެތްކަމަށެވެ.

‎މި ބަޔާނުގައި އިތުރައް ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، އެމް.ޑީ.ޕީގެ ތަޞައްވަރާއި ސިޔާސަތުތަކާ އެއްގޮތަށް، މި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނެގެހެއްޓުމަށާއި، ފަރުދީ މިނިވަންކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް އޮތް މަތިވެރި ޢަޒުމު ހާމަވެގެން ގޮސްފިކަމަށާއި އެ ޕާރޓީން އަބަދުވެސް ގޮވާލަމުންގެންދާ ބީދާއިން، ފަނޑިޔާރުގެ މިނިވަންކުރުމާއި ޢަދުލުއިންސާފާއި ހަމަހަމަކަން ޤާއިމުކުރުމުގެ މުހިއްމު މަސައްކަތްޕުޅު ކުރައްވާނޭކަމުގެ އުއްމީދު ދެއްވާފައިވާކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަނުގެ މޫތައް ނެތިކޮށްލުމުގެ މަސައްކަތްޕުޅުކުރައްވާނޭކަމުގެ ޔަޤީންކަން ވެސް ދެއްވާފައިވާކަމަށެވެ.

"ނޫ އިޤްތިޞާދު" ގެ ސިޔާސަތުގެ ދަށުން މުޅި ޖަޒީރާ ރާއްޖެ ތަރައްޤީވެގެންދާނޭގޮތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާނުން ހާމަވެގެން ގޮސްފައިވާކަންވެސް އެމް.ޑީ.ޕީ ގެ ބަޔާނުގައި ވެއެވެ. އަދި ލާމަރުކަޒީކުރުމާއި، ފަރުދުންގެ އާމްދަނީގެ ޓެކްސް ތަޢާރަފުކުރުމާއި، ވަޒީފާގައި އުޅޭ ފަރާތްތަކަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާނެތުމުން ވަޒީފާ ހޯދަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމުގެ ހަރުދަނާ ޢަޒުމު އެމަނިކުފާނު ހާމަކުރައްވާފައިވާކަމަށާއި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ރާއްޖޭގައި ހިލޭކިޔެވޭނޭގޮތް ވުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ކުޑަ އިންޓްރެސްޓްގައި، ދިގު މުއްދަތެއްގައި އަދާކޮށް ނިންމާގޮތަށް ފަސޭހަކަމާއެކު ލޯނު ފޯރުކޮށްދިނުމުގެ ސިޔާސަތު ފަދަ ސިޔާސަތުތަކުގެ ސަބަބުން ކިޔަވާކުދިންނާއި ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވާކަން އެޕާޓީއިން ފަޚުރުވެރިކަމާއެކު ފާހަގަކުރާކަމަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއައްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާނުން ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އުފާވެރި ޚަބަރުތަކާއި އުއްމީދުތައް ޙާޟިލުކުރުމަށް އެޕާޓީގެ ގެ ފުރިހަމަ ތާޢިދާއި އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭކަމުގެ ޔަޤީންކަންވެސް އަރުވާފައިވެއެވެ. އަދި އެކަންކަމަކީ އެ ޕާރޓީގެ ތަޞައްވަރާއި ސިޔާސަތުތައްކަމަށްވާތީ، އެކަންކަން ހަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާރޓީއަށް ފުރިހަމަ އަޣުލަބިއްޔަތު ރައްޔިތުން ދެއްވުމުގެ މުޙިއްމުކަން ފާހަގަކޮށް އެ ޕާރޓީއަށް ވޯޓުދެއްވުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް