ހައިޓީގެ ރައީސް ޖޮވެނެލް މޮއިސްއަށް ހަމަލާދީ އަވަހާރަކޮށްލައިފައިވަނީ، ވަރަށް މޮޅަށް ޓްރެއިން ކޮށްފައި ތިބި ޕްރޮފެޝަނަލް ކޮމާންޑޯސް ބައެއް ކަމަށް އެ ގައުމަށް ކަނޑައަޅައިފައި ހުންނަ އެމެރިކާގެ އެމްބެސަޑަރ ހާމަކޮށްފިއެވެ.
ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް ގޭގައި އުޅުއްވަނިކޮށް، ހަތިޔާރު އެޅި ގޮތް ނޭނގޭ ބަޔަކު ހަމަލާދީ އަވަހާރަކޮށްލީ ޖުލައި 7 ވަނަ ދުވަހުގެ ރޭ މެންދަމުއެވެ. ގޮތް ނޭނގޭ ބަޔަކު ދިން މި ހަމަލާގައި ރައީސްގެ އަނބިކަނބަލުންގެ ގަޔަށްވެސް ބަޑި ޖަހާ ދިން ހަމަލާއަށް މިހާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.
ޔޫއެސް އެމެބެސަޑަރ ބޮކެޓް އެޑްމަންޑް ބުނީ، މޮއިސްއަށް ހަމަލާދީ އަވަހާރަކޮށްލައިފައިވަނީ، ވަރަށް މޮޅަށް ޓްރެއިން ކޮށްފައި ތިބި ޕްރޮފެޝަނަލް ކޮމާންޑޯސް ބައެއް ކަމަށެވެ. އަދި އެމީހުން މިހާރު ގައުމުން ބޭރުވެފައިވުން އެކަށީގެންވާ ކަމުގައިވެސް އެޑްމަންޑް ބުނެފައިވެއެވެ.
ރައީސް ޖޮވެނެލް މޮއިސްއަށް ހަމަލާދިން ގޮތް ކަމަށް ބެލެވޭ ކެމެރޭކޮށްފައިވާ ވީޑިއޯއެއް މިހާރު އާއްމުވެފައިވާއިރު، އެ ވީޑިއޯގައި އެމީހުންނަކީ، ޔޫއެސް ޑްރަގް އެންފޯސްމެންޓާ(ޑީއީއޭ) ގުޅުން ހުރި ބައެއް ކަމަށް ވީޑިއޯގެ ޒަރިއްޔާއިން ހާމަވެފައިވެއެވެ. ނަމަވެސް އެޑްމަންޑް ބުނީ އެމީހުންނަކީ ޑީއީއޭ އާއި ގުޅުން ހުރި ބައެއް ކަމަށް އެމީހުން ދެއްކެނީ ކަމަށާއި، އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
މި ވީޑިއޯ ފޫޓެޖަކީ، ރައީސް މޮއިސް ދިރިއުޅުއްވާ ގެކޮޅުގެ އަވައްޓެރިންތަކެއް ނަގައިފައިވާ ވީޑިއޯއެއް ކަމަށް ބަލެވޭއިރު، ނުސާފުކޮށް ފެންނަ މި ވީޑިއޯގައި ހަތިޔާރާއެކު ގްރޫޕަކުން އެ ސަރަހައްދުގައި އުޅޭތަން ފެނެއެވެ. އަދި ބަޑީ ޖަހާ އަޑާއި އެމީހުން އެތާ ހަރަކާތްތެރިވާ މަންޒަރު ވީޑީއޯ އިން ފެނެއެވެ. އަދި އެތަނުން މީހަކު، މެގަފޯނަކުން "އެއީ ޑްރަގް އެންފޯސްމެންޓާ(ޑީއީއޭ)ގެ އޮޕަރޭޝަނެއް ކަމަށާއި، އެންމެން ހަތިޔާރު ބެހެއްޓުމަށް" ގޮވާ އަޑު ވީޑިއޯއިން ފެނެއެވެ. އެެ މީހާ ވާހަކަދައްކައިފައި ވަނީ އިނގިރޭސި އެކްސެންޓަކުންނެވެ.
މި ވީޑިއޯ އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ، އެމެރިކާގެ ނޫހެއް ކަމުގައިވާ މަޔާމީ ހެރަލްޑް އިންނެވެ. އަދި އެ ނޫހުން ރިޕޯޓުކޮށްފައި ވާގޮތުގައި، އެއީ ހަމަލާއަށްފަހު އެތަނަށް އައި ސެކުއިރިޓީ ގްރޫޕެކެވެ. ނަމަވެސް ހައިޓީ ސަރުކާރުގެ ހައި ރޭންކިން އޮފިޝަލަކު ވަނީ، އެއީ ޑީއޭއީ އާއި ގުޅުންހުރި ބައެއް ނޫން ކަމަށް އެ ނޫހަށް ކަށަވަރުކޮށްދީފައި ވާކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ހައިޓީގެ މައި ބަހަކީ ފްރެންޗް ނުވަތަ ހައިޝިއަން ކްރިއޯލް އަށް ވާއިރު، އެމީހުން ސްޕެނިޝް އާއި އިނގިރޭސި ބަހުން ވާހަކަދެއްކުމުން ވަނީ ސުވާލު އުފައްދައިފައެވެ.
ރައީސް މޮއިސް އަވަހާރަކޮށްލި ހާދިސާގައި ޔޫއެސް ޑްރަގް އެންފޯސްމެންޓާ(ޑީއީއޭ) ގެ އަތެއް ވާކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ރައީސް ބައިޑަންގެ އެޑްމިނިސްޓްރޭޝަން އޮފިޝަލުންވެސް ވަނީ ދޮގުކޮށްފައެވެ.
މިވަގުތު ގައުމުގެ ވެރިކަމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވީ ބޮޑުވަޒީރު ޖޯސެފްއެވެ. ބޮޑު ވަޒީރު ވަނީ މި ހާދިސާއަކީ ވަރަށް ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މި ހާދިސާއާ ގުޅިގެން ވަގުތީ ބޮޑުވަޒީރު ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް ހަރުދަނާކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގާފާނެ ކަމަށްޓަކައި، އަވައްޓެރި ޑޮމިނިކަން ރިޕަބްލިކުން ވަނީ، ހައިޓީއާ ގުޅޭ ބޯޑަރު ބަންދުކޮށްފައެވެ.
ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލިއިރު އުމުރަކީ 53 އެވެ. މޮއިސް ހައިޓީގެ ވެރިކަމާއި ހަވާލުވީ، 2017 ވަނަ އަހަރު އޭރުގެ ރައީސް މައިކަލް މާރޓެލީ ރައީސްކަމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
މިފަހަކަށް އައިސް، އޭނާގެ އިސްތިއުފާ އަށް ގޮވައި އާންމުން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އަދި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭނަގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މީގެ އިތުރުން، ރައީސް މޮއިސްގެ، ފަސް އަހަރުގެ ރިއާސީ ދައުރު، މިއަހަރުގެ ފެބްރުއަރީ މަހު ނިމުމުންވެސް، ވެރިކަމުން ފައިބާވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވުމާއި ގުޅިގެން، މޮއީސްގެ އިސްތިއުފާއަށް އިދިކޮޅުން ވަނީ ގޮވާފައެވެ.



