ހަޒާރޑް އަދި އިސްކޯ ބަދަލުކުރަނީ؟

ޗެލްސީގެ ހަޒާރޑްއާއި ރެއަލްގެ އިސްކޯއާ ދެކުޅުންތެރިން ބަދަލުކުރަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރެންފަށައިފިއެވެ. މީޑިއާގައި މިއަޑުތައް ފެންމަތިވެފައިވާއިރު ހަޒާރޑްގެ އަގު ޗެލްސީއިން ކުޑަކޮށްފިނަމަ އެއްވެސް ޖެހިލުމެއްނެތި އިސްކޯ ޗެލްސީއަށް ދޭން ތައްޔާރަށް ރެއަލްއޮތްކަމަށް މީޑިއާގެ ރިޕޯރޓްތަކުގައިވެއެވެ.

ރެއަލްއާ ހަޒާރޑް ނުހަނު ގަޔާވާކަން އެނގޭއިރުވެސް، ހަޒާރޑްއަކީ ޗެލްސީއަށް ނުހަނު މުހިންމު ކުޅުންތެރިއަކަށްވާތީ ޗެލްސީގައި ހަޒާރޑް ހިފެހެއްޓޭތޯ އެޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ. މިސީޒަންގައި އެއްކޮށްހެން ހަޒާރޑް ރެއަލްއާ ވާހަކަ ދައްކަމުންދިޔައިރު އެންމެ ފަހުން ޚަބަރު ލިބުނު ގޮތުގައި ހަޒާރޑް އޭނަގެ ކުރިމަގާ މެދުގައިވަނީ ގޮތެއްނިންމާފައެވެ.

ހަޒާރޑް ޗެލްސީއާއިއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަންގެ ނިޔަލަށް ހަމަވާއިރު މިމުއްދަތުގެ ތެރޭގައި އިތުރު އެއްބަސްވުމެއް ނުހެދިއްޖެނަމަ ހަޒާރޑް ވިއްކާލަށް ޗެލްސީއަށް މަޖުބޫރުވާނެއެވެ. ހަފްތާއަކު 3 ލައްކައަށްވުރެ ބޮޑުއަދަދެއް ޗެލްސީއިން ހަޒާރޑަށް ކިޔަމުންދާއިރު އެއަގާ ރެއަލްއިން ދެކޮޅުހަދާފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. އަންނަ ސީޒަން ނިމުމުން އަގަކާއި ނުލާ ހަޒާރޑް ލިބެން އޮތްއިރު ރެއަލްއިން ހަޒާރޑް ހޯދުމަށް މިވަރުގެ ބޮޑު ޚަރަދެއްކޮށްފާނެކަމާމެދުވެސް ސުވާލު އުފެދެއެވެ. އަނެއްކޮޅުން ކުޅުންތެރިންގެ ދަތިކަން ރެއަލްގައި މިހާ ބޮޑު ދުވަސްވަރެއްގައި އިސްކޯފަދަ މުހިންމު ކުޅުންތެރިއެއް އެމިހުން ދޫކޮށްލާނެބާއެވެ؟ އިސްކޯގެ ކުރި މަގާމެދު މީޑިއާތަކުގައި ބަހުސްކުރެވޭއިރު، ރެއަލްގެ މިހާރުގެ ކޯޗު ސޮލާރި އެޓީމާއި ޙަވާލުވިފަހުން އެންމެ މަދުން ކުޅުނު ކުޅުންތެރިންގެ ލިސްޓްގެ ތިން ވަނައިގައި އިސްކޯ ހިމެނެއެވެ. އަދި އިސްކޯގެ ޝަކުވާއަކީވެސް އޭނާއަށް ޓިމުން އެކަށީގެންވާ ފުރުޞަތު ނުލިބުމެވެ. ރެއަލްއިން އެންމެ ފަހުން ކުޅުނު 6 މެޗުގައިވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އިސްކޯ ހިމަނާފައިވާއިރު އެއިން އެންމެ މެޗަކުންވެސް އޭނާއަށް ފުރުޞަތު ލިބިފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ