ޑޫކް އަދި ޑަޗަސް އޮފް ސަސެކްސް، ޕްރިންސް ހެރީ އާއި މޭގަން އިތުރު ކުއްޖަކު ނުހޯދަން ނިއްމުމުން، އެ ނިއްމުމަށް އެވޯޑެއް ލިބެން އެބައުޅެއެވެ.
މި ދެމަފިރިންގެ ހަގު އަންހެން ދަރިކަނބަލުން ލިލީބެޓް ޑަޔާނާ ވިހައިފައިވަނީ މިދިޔަ ޖޫން މަހު 4 ގައެވެ. އަންހެން ދަރިކަނބަލެއް ލިބިވަޑައިގަންނެވިއިރު، މި ދެމަފިރިންގެ އެހެން ދަރިއެއްވެސް ހުރެއެވެ. އެއީ ދެ އަހަރުގެ ދޮށީ ފިރިހެން ދަރިކަލުން އާޗީ ހެރިންސަން އެވެ.
މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވާއިރު، އިތުރު ދަރިއެއް ނުހޯދަން ނިއްމި ނިއްމުމަށް، އިންސާނުންގެ އާބާދީ މެއިންޓެއިންކޮށް، އާބާދީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުން ސަލާމަތް ވުމަށާއި މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކެމްޕެއިން ކުރާ ޔޫކޭއަށް ނިސްބަތްވާ ޗެރިޓީ އެއް ކަމުގައިވާ "ޕޮޕިއުލޭޝަން މެޓަރސް" އިން ވަނީ ހާއްސަ އެވޯޑެއް ދޭން ނިއްމައިފައެވެ.
އެ ޗެރިޓީ އިން ނެރުނު ބަޔާނެއްގައި ބުނީ، ޕްރިންސް ހެރީ އާއި މޭގަން ހަމައެކަނި ދެ ކުދިން ބަލާ ބޮޑުކުރުމަށް ނިއްމި ނިއްމުމަކީ، އެކުދިންގެ މުސްތަގުބަލު ރަނގަޅުވުން ކަށަވަރުކޮށްދީ، އަދި އެހެން އާއިލާތަކަށްވެސް ނަމޫނާ ދައްކައިދިން ނިއްމުމެއް ކަމަށެވެ.
ކުޑަ އާއިލާއެއް ބިނާކުރުމުގެ ސަބަބުން، ދުނިޔެއަށް އިންސާނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ، އަދި ދަރިންނަށާއި އަދި އަންނަ އިތް ޖީލުތައް ދުޅަހެޔޮ މާހައުލެއްގައި އުޅުމުގެ ފުރުސަތު ދެވޭ ކަމަށްވެސް އެ ޗެރިޓީ އިން ބުންޏެވެ. އަދި ޕްރިންސް ހެރީ އާއި މޭގަންގެ މި ނިއްމުމަށް މަރުހަބާ ކިޔާ، އެ ޗެރިޓީ އިން ބުނީ، ކުޑަ އާއިލާއަކީވެސް އުފާވެރި އާއިލާއެއްކަމަށް ހެރީ އާއި މޭގަންގެ އާއިލާއަށް ޔަޤީންކޮށްދޭ ކަމަށެވެ.
ޑޫކް އަދި ޑަޗަސް އޮފް ސަސެކްސް އިތުރު ދަރިއަކު ނުހޯދަން ނިއްމި ނިއްމުމަށް އެ ޗެރިޓީގެ ފަރާތުން ދޭ ހާއްސަ އެވޯޑު ދިނުމަށް ނިއްމާފައިވަނީ މިއަދު ފާހަގަކުރާ ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޕޮޕިއުލޭޝަން ދުވަހުއެވެ.
ކުޑަ އާއިލާއެއް ބިނާކުރުމާ ގުޅޭގޮތުން ޕްރިންސް ހެރީ އެންމެ ފުރަތަމަ ވާހަކަ ދައްކައިފައި ވަނީ 2019 ވަނަ އަހަރު ވޮގް މެގެޒިން އަށް ދިން އިންޓަވިއުއެއްގައެވެ. އެގޮތުން އެންމެ ގިނަވެގެން ބޭނުންވަނީ 2 ކުދިން ކަމަށް އޭރުވެސް ހެރީ ބުންޏެވެ.




