"ބްލެކް ވިޑޯ"ގެ ރޯލު އަލުން ކުޅުމުގެ ވިސްނުމެއް ނެތް: ސްކާލެޓް

މާވެލްސް ސިނަމެޓިކް ޔުނިވަރސް ގެ ތެރެއިން ތައާރަފް ކުރި ކެރެކްޓަރ ބްލެކް ވިޑޯ ނުވަތަ ނަތާޝާ ރޯމަންއޮފްގެ ކެރެކްޓަރ އަލުން ކުޅުމުގެ ވިސްނުމެއް ނެތް ކަމަށް އަހަރުތަކެއް ވަންދެން އެ ރޯލު އަދާކުރި މަޝްހޫރު އެކްޓްރެސް ސްކާލެޓް ޖޮހޭންސަން ބުނެފިއެވެ.

ނަތާޝާ ރޮމަންއޮފް ކެރެކްޓަރއަށް ހާއްސަކޮށްގެން، އޭނަގެ ވާހަކަ ކިޔައިދޭ ފުރަތަމަ ފީޗާ ފިލްމް، "ބްލެކް ވިޑޯ" މި މަހު 9 ގައި ވަނީ ރިލީޒްކޮށްފައެވެ. މި ފިލްމް އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

"ބްލެކް ވިޑޯ"ފިލްމްގެ ކުރިން ބްލެކް ވިޑޯގެ ކެރެކްޓަރ ފެނިފައިވަނީ، މާވެލްގެ އެވެންޖާސް ފިލްމްތަކުންނެވެ. އަދި މާވެލް ފޭސް ތިނެއްގެ އެވެންޖާސް ފަހު ފިލްމް، "އެވެންޖާސް: އެންޑް ގޭމް" ގެ ސްކާލެޓް ޖޮހޭޏްސަންގެ ކެރެކްޓަރ ނުވަތަ "ނަތާޝާ ރޮމަންއޮފް" ވަނީ މަރުވެފައެވެ. މި މަހު 9 ގައި ރިލީޒްކުރިން "ބެލްކް ވިޑޯ" ފިލްމްގައި ދައްކުވައިދެނީ، 2016 ވަނަ އަހަރު ރިލީޒްކުރި "ކެޕްޓަން އެމެރިކާ: ސިވިލް ވާ"ގެ ފަހުން ހިނގާ ހާދިސާއެކެވެ.

މި ކެރެކްޓަރ އާއި ގުޅޭގޮތުން އިންޓަވިއުއެއގައި ވާހަކަދައްކަމުން ސްކާލެޓް ބުނީ، އޭނަގެ ކެރެކްޓަރ އަށް ނިމުން އައި ގޮތާއި އަދި ފިލްމާމެދު ވެސް އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބުނީ އެ ރޯލުން އެނބުރި އަންނަން އަދި އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ސްކާލެޓް ބުނީ، ކޮންމެވެސް އެހެންގޮތަކުން ނަމަވެސް މާވެލް އާއިއެކު މަސައްކަތް ކުރުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

ސްކާލެޓްގެ "ބްލެކް ވިޑޯ" ރިލީޒްކޮށްފައިވާއިރު، އޭނާ އިނީ ދެވަނަ ދަރިއަކަށް ބަލިވެއެވެ. އެގޮތުން ސްކާލެޓް ފިރިމީހާ ކޮލިން ޖޯސްޓްގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންއިރު، ވަރަށް އަވަހަށް ވިހާނެ ކަމަށް ހަބަރުތަކުގައި ވަނީ ބުނެފައެވެ.

ސްކާލެޓް އަށް ދަރިއަކު ލިބެން އުޅޭއިރު، މިއީ އޭނަގެ ދެވަނަ ދަރިފުޅެވެ. އޭނާ މީގެ ކުރިން ކުރި ކައިވެންޏަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެއީ ހަ އަހަރުގެ ރޯޒް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ