ވަޓްސްއެޕް އިން އިންޑިއާގެ ދެމިލިއަން އެކައުންޓް ބުލޮކް ކޮށްފި

ވަޓްސްއެޕް އެޕްލިކޭޝަންގެ ގަވާއިދާއި ހިލާފުވި ދެމިލިއަނަށްވުރެ ގިނަ އެކައުންޓް އިންޑިއާއިން މެއި އަދި ޖޫންމަހު ބުލޮކް ކޮށްފައިވާނެ ކަމަށް ވަޓްސްއެޕް އިން ބުނެފިއެވެ.

އެ އެޕްލިކޭޝަނުން ބުނީ ބުލޮކް ކުރެވުނު އެކައުންޓުތަކުގެ ތެރެއިން 95 އިންސައްތަ އެކައުންޓް ބުލޮކް ކޮށްފައިވަނީ، މެސެޖެއް "ފޯވާރޑް" ކުރެވޭނެކަމަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް މެސެޖު ފޯވާރޑް ކުރުމުގެ ސަބަބުން ކަމަށެވެ. ވަޓްސްއެޕް އިން މި މައުލޫމާތު ހާމަކޮށްފައި މިވަނީ އިންޑިއާގައި އަލަށް ފާސްކުރެވުނު އައިޓީ ގަވާއިދަށް ތަބާވުމުގެ ގޮތުންނެވެ.

ފެބުރުއަރީމަހު އާންމުކޮށް މެއިމަހު އަމަލުކުރަން ފަށައިފައިވާ އައިޓީ ގަވާއިދަކީ މީސްމީޑިއާތަކުގައި އާންމުކުރެވޭ ތަކެތި ވަކިމިންގަނޑަކަށް ފެއްތުމުގެ މަގުސަދުގައި އިންޑިއާ ސަރުކާރުން އެކުލަވާލައިފައިވާ ގަވާއިދެކެވެ. މިގަވާއިދާއި ގުޅިގެން މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅި އާންމު ފަރާތްތަކުގެ ޒާތީ މައުލޫމާތުތައް ސިއްރު ނުވުމުގެ ކަންބޮޑުވުންވަނީ އުފެދިފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި އާގަވާއިދުގެ ސަބަބުން އިންޓަރނެޓުގައި އާންމުކުރާ ގިނަ ތަކެތި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ފޮހެލުމުގެ ބާރު ލިބިގެންދާނެއެވެ. ނަމަވެސް، ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ. އިންޑިއާ ސަރުކާރުން ބުނަނީ އައިޓީ ގަވާއިދުގެ ބޭނުމަކީ ސައްހަނޫން މައުލޫމާތުތައް ފެތުރުން ހުއްޓުވާ އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހަދައިފައިވާ ގަވާއިދެއް ކަމަށެވެ.

އިންޑިއާއަކީ ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓެވެ. އިންޑިއާގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު 400 މިލިއަނަށް އަރައެވެ. ފޭސްބުކް ކުންފުނީގެ ވަޓްސްއެޕް އިން ބުނީ އެ އެޕްލިކޭޝަނުން އެކައުންޓުތައް ބުލޮކް ކުރުންފަދަ ފިޔަވަޅުތައް އަޅަނީ ސައްހަނޫން މައުލޫމާތު ފެތުރުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ.

ކޮންމެ މަހަކު މުޅި ދުނިޔެއިން 800 މިލިއަނާއި ގާތްކުރާ އަދަދަކަށް ވަޓްސްއެޕް އެކައުންޓުތައް ބުލޮކް ކުރާކަމަށް އެ އެޕްލިކޭޝަނުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ