ތޯލިބާނުން ހުއްޓުވުމަށް އަފްގާނިސްތާނުގައި ކާފިއު އިއުލާން ކޮށްފި

ތޯލިބާނު ހަނގުރާމަވެރިން ހުއްޓުވުމުގެ ގޮތުން އަފްގާނިސްތާނު ސަރުކާރުން އެގައުމުގައި އެއްމަސްދުވަހަށް ކާފިއު އިއުލާން ކޮށްފިއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އާއި އަދި އިތުރު ދެޕުރޮވިންސް ފިޔަވައި އެހެން ހިސާބުތަކުގައި މީހުން ރޭގަނޑު 22:00 އިން ފަތިހު 4:00 އާއި ހަމައަށް ބޭރަށް ނިކުމެ އުޅުން އަފްގާނިސްތާން ސަރުކާރުން މިހާރުވަނީ މަނާކޮށްފައެވެ.

ބައިނަލްއަގްވާމީ ފައުޖުތަކުން އަފްގާނިސްތާނުން މިހާރު ފައިބައިފައިވާއިރު ފާއިތުވެދިޔަ ދެމަސްދުވަސް ފާހަގަ ކޮށްލެވިގެންދަނީ އަފްގާނިސްތާނު ސަރުކާރާއި ތޯލިބާން ހަނގުރާމަވެރިންނާއި ދެމެދު ހަމަލާ ބަދަލުކުރުން ގިނަ ދެމަސްދުވަހުގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި ތޯލިބާން ހަނގުރާމަވެރިން މިހާރުވަނީ އަފްގާނިސްތާނުގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ތޯލިބާން ހަނގުރާމަވެރިން މިހާރު އައްނަނީ، އަފްގާނިސްތާނުގެ ބަޔެއް ބޮޑެތި ސިޓީތައް ހިފުމަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އައިއިރު މީގެން އެއްވެސް ސިޓީއެއް އެމީހުންގެ ބާރުގެ ދަށަށް ގެނެވިފައެއް ނުވެއެވެ.

އެމެރިކާ ސިފައިން އިސްވެއޮވެ މީގެ 20 ވަރަކަށް އަހަރު ކުރިން އަފްގާނިސްތާނަށް އެރުމުގެ ކުރިން އެގައުމުގައި ވެރިކަން ކޮށްފައިވަނީ ތޯލިބާނުންނެވެ. އެމެރިކާ ސިފައިން އަރާ ތޯލިބާން ވެރިކަން ވައްޓާލިފަހުން މިހާތަނަށް ޖެހެންދެން ތޯލިބާން ހަނގުރާމަވެރިން އައްނަނީ އެމެރިކާ ސިފައިންނާއި އަދި އަފްގާނިސްތާނުގެ ސަރުކާރު ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ