އަރަބި ކަޑުން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދީފައިވަނީ އީރާނުން ކަމަށް އިސްރާއިލްގެ ހާރިޖީ ވަޒީރު ޔައިރު ލަޕިދު ވިދާޅުވެއްޖެއެވެ.
ލަފިދު ވިދާޅުވީ އީރާނަކީ ހަމައެކަނި އިސްރާއިލަށް މައްސަލައެއް ނޫން ކަމަށާއި އީރާނުގެ މި އަމަލަށް ދުނިޔެއިން ހަމަހިމޭންކޮށް އޮވެގެން ނުވާނެ ކަމަށެވެ. މިއަމަލަކީ އީރާނުގެ ނިރުބަވެރި އަމަލެއް ކަމަށްވެސް ލަފިދުވަނީ ވިދާޅުވެއެެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮމާން ކައިރިން އަރަބި ކަޑުން ދަތުރުކުރަމުންދިޔަ އެމްވީ މާރސާ ސްޓްރީޓްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެމީހަކުވަނީ މަރުވެފައެވެ. މި ދެމީހުން ނިސްބަތްވަނީ އިނގިރޭސިވިލާތަށާއި ރޮމޭނިއާއަށެވެ. އެއްޗެއް ގޮވި ތެޔޮ ޓޭންކަރަކީ އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ ޒޮޑިއަކް މެރިޓައިމްއަށް ނިސްބަތްވާ ތެޔޮ ޓޭންކަރެކެވެ. މި ކުންފުންޏަކީ އިސްރާއިލްގެ ބިލިއަނަރެއްގެ ކުންފުންޏެވެ.
ތެޔޮ ޓޭންކަރު ނިސްބަތްވާ ޒޮޑިއަކް މެރިޓައިމްއިން ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިސްރާއިލްގެ ވަޒީރު ލަފިދުގެ ބަސްފުޅާ ގުޅިގެން އީރާނުން އަދި އެއްޗެކޭ ބުނެފައެއް ނުވެއެވެ.
މިހާދިސާ ހިނގައިފައި މިވަނީ އިސްރާއިލް އާއި އީރާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެއްގައުމު އަނެއް ގައުމުން އައްނަނީ އެގައުމުތަކަށް ނިސްބަތްވާ އުޅަނދުފަހަރަށް ހަމަލާ ދެމުންނެވެ. ނަމަވެސް، މިވީހާތަނަށް އެއްވެސް ގައުމަކުން ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.




