ސައިފް އަދި މާޒިން

ރާއްޖޭގެ ފުރަތަމަ ޕެރަލިމްޕިކްސް، ރާއްޖެ ތަމްސީލު ކުރާނީ މާޒިން އާއި ފާތުން!

ޖަޕާނުގެ ޓޯކިޔޯގައި މި މަހު ބާއްވާ ޕެރަލިމްޕިކްސް ގައި ރާއްޖެއިން ބައިވެރިވާ ދުވުންތެރިންގެ ގޮތުގައި މުހައްމަދު މާޒިން އަދި ފާތިމަތު އިބްރާހިމް ހަމަޖައްސައިފިއެވެ.

ޕެރަލިމްޕިކް ދުނިޔޭގަ ބާއްވާތާ 61 އަހަރު ފުރިފައިވާއިރު، މިއީ ރާއްޖޭއިން މި ގޭމްސްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މިކަން ފާހަގަކޮށް ސްޕޯސްޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ، މި ގޭމްސްގައި ރާއްޖޭ ފުރަތަމަ ފަހަރަށް ތަމްސީލުކުރާ ފާތުން އަދި މާޒިންއަށް ކާމިޔާބީއަށް އެދޭކަމަށެވެ.

މި ސަރުކާރުން، ސަރުކާރުގެ ފުރަތަމަ އަހަރުގެ ރާއްޖޭގައި ވަނީ ޕެރަލިމްޕިކް ކޮމިޓީ އުފައްދާދީފައެވެ. މިނިސްޓަރ މަހްލޫފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފައްދާދީ، ކާމިޔާބީތަކެއް ހާސިލްވެފައިވާކަމީ ލިބޭ އުފަލެއް ކަމަށެވެ. 

ފާތުން އަދި ރަބާ

ޕެރަލިމްޕިކްސް އަކީ ކޮންމެ ކޮންމެ އޮލިމްޕިކްސް އަކަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިވެރިކޮށްގެން ބާއްވާ މުބާރާތެކެވެ. ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދުވުންތެރިންގެ ތެރޭގައި ހިމެނޭ މާޒިން އަކީ، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ލޯ މެޑަލް ހޯދާފައިވާ ފަރާތެކެވެ.

ޕެރަލިމްޕިކްސް ގޭމްސްއެއްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އެތުލީޓުންނަށް މާޒިން އާއި ފާތުން ވެގެންދާނެއެވެ. ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެތްލީޓުންގެ ތެރެއިން މާޒިންގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ މުހައްމަދު ސައިފް ޒާހިރެވެ. އަދި ފާތިމަތު އިބްރާހިމްގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ ރަބާ އިސްމާއީލް އާސިފެވެ. ރާއްޖޭގެ ދެ އެތްލީޓުންވެސް ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ.

މިހާރު ކުރިޔަށްދާ އޮލިމްޕިކްސް ނިމުމަށްފަހު ޕެރަލިމްޕިކްސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 24 ވަނަ ދުވަހުއެވެ. މި ގޭމްސް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ