މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހު 10 ގައި ފެށޭއިރު ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިން ދެނެގަތުމަށް ގްރީން ކާޑުގެ ނަމުގައި ހާއްސަ ކާޑެއް ތައާރަފްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ ނިންމައިފިއެވެ.
އެ މިނިސްްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް ފާތިމަތު އައްޒަ ވިދާޅުވީ، ބެލެނިވެރިން ކުދިން ބަލާ އަންނައިރު ވެކްސިން ޖަހާފަހުރިކަން ކަށަވަރުކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ހޯދާފައި ގްރީން ކާޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
މި މަހުގެ ނިޔަލަށް ސްކޫލްތަކާއި ގުޅިގެން މި ކާޑު ތައާރަފްކުރެވޭނެކަމަށްވެސް އައްޒަ ވިދާޅުވިއެވެ. އަދި މިހާރު ސްކޫލްތަކާއި ގުޅިގެން އެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް އޭނާ ހާމަކުރިއެވެ.
"މިއަށް އަޅުގަނޑުމެން މި ކިޔަނީ ގްރީން ކާޑް. ދެން އަޅުގަނޑުމެން ބަލާނީ ސްކޫލްތަކުން އެންމެ ފަސޭހަގޮތަށް އަޅުގަނޑުމެންނަށް އެ ތައާރަފްކުރެވޭނީ ކިހިނެތްތޯ." އައްޒަ ވިދާޅުވިއެވެ.
ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ހާއްސަ އޫސޫލުތަކަކާއި ޝަރުތުތަކެއް ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ބެލެނިވެރިންނާއި ޓީޗަރުންނަށް ސްކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާނަމައެވެ.
އެޑިއުކޭޝަނުން މިއަދު ހާމަކުރިގޮތުގައި، މާލެއާއި އަތޮޅުތެރެއިން ސުކޫލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 96 ޕަސެންޓް މުވައްޒަފުން ފުރަތަމަ ޑޯޒު ވެކްސިން މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
ދަރިވަރުންނަށް ހިންގާ ވެކްސިން ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ބެލެނިވެރިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތަކެއް އެޗްޕީއޭ އާއި ގުޅިގެން މިއަދު ފަށައިފައިވާ ކަމަށްވެސް އެޑިއުކޭޝަނުްނ ވަނީ ވިދާޅުވެފައެވެ.




