އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.
ރައީސް ސޯލިހް އިއްޔެ ވަނީ އައްޑޫ ސިޓީ ކައުންސިލާއެކު ވާޗުއަލް ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި އައްޑޫގެ ތަރައްގޫއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ މެންބަރުންނާއި މަޝްވަރާތައް ކުރެވިފައިވެއެވެ.
އެގޮތުން ރައީސް ވިދާޅުވީ، އެ ސިޓީގެ މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ސިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާ އަދި މި ނޫންވެސް ސިޓީގެ އިގްތިސޯދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަކުރައްވާ ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަަމަށެވެ.
ޚާއްޞަގޮތެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށްގެންދިއުމުގެ ޒިންމާ ސިޓީކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިޔަށްގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި މޭޔަރ އަލީ ނިޒާރު ވިދާޅުވީ، 60 އަށްވުރެ ގިނަ ޕީއެސްއައިޕީގެ މަޝްރޫއާއެކު ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ގިނަ މަޝްރޫއުތައް ކުރިޔަށްދާކަމަށެވެ.



