ތިލަމާލެ ބްރިޖާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ނުހޯދާތީ މުއިއްޒުގެ ކަންބޮޑުވުން

މާލެ ސަރަހައްދު ގުޅައިލުމުގެ ޕްރޮޖެކްޓްގެ ތެރެއިން މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއުއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ނުހޯދާތީ  މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމަށް ބާއްވާ ބައްދަލުވުންތަކުގެތެރެއިން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ، ޕްލޭން ހަދަން ޖެހޭނީ ރައްޔިތުންގެ އަޑު އަހައިގެންކަމަށެވެ. އަދި މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތާއި ގުޅިގެން އެކަމުގައި ކުރީ ކައުންސިލްގެ އަދި މިހާރު ހިނގަމުންދާ ކައުންސިލްގެވެސް އެއްވެސް މަޝްވަރާއެއް ހޯދާފައިނުވާ ކަމަށެވެ.

މޭޔަރ މުިއިއްޒު ވިދާޅުވީ މިބާވަތުގެ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުން މިހާރު ގާނޫނުން މަތިކުރެވިފައިވަނީ ކައުންސިލްތަކާ ކަމަށެވެ. އެހެންކަމުން އެ ޚިޔާލު ހޯދަންޖެހޭނީ ކައުންސިލް މެދުވެރިކޮށްކަމަށެވެ.

މުއިއްޒު ވަނީ ރައްޔިތުންގެ މަޝްވަރާއެެއް ނެތި ބްރިޖްގެ މަސައްކަތް ފެށުމުން ދިމާވެދާނެ ކަމަށް އަންދާޒާ ކުރެވޭ މައްސަލައެއް ރައްޔިތުންގެ ސަމާލު ކަމަށް ގެންނަވާފައެވެ.

މޭޔަރ ވިދާޅުވީ ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމުން އެކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެކަމަށެވެ. ބްރިޖް ހެދުމުގެ މަސައްކަތް ރައްޔިތުންގެ ޚިޔާލު ނުހޯދާ ކުރިއަށް ގެންގޮސްފިނަމަ، މި މަޝްރޫޢުގައި ވިލިމާލެއަށް އަތުވެދާނެ ބަދަލަކާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ހާމަކުރައްވައި، ޚާއްޞަގޮތެއްގައި ވިލިމާލޭ އިންޑަސްޓްރިއަލް ސަރަޙައްދަށް ވެދާނެ ގޮތެއްގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އޮތްކަމަށް ވިދާޅުވިއެވެ.

"މި ބްރިޖް އައިސް ވިލިމާލެއާ ގުޅޭ ހިސާބުން ދެން އެ ބޭފުޅުން އެކުރައްވާ ޕްލޭނެއްގެ ތެރެއިން އަޅުގަނޑަށް ހަމަ ހީވަނީ ސިނާއީ ސަރަހައްދު ދެން އެއްކޮށް ތާއަނބަދަށް ގެއްލިގެންދާނެ އޭ. ރައްޔިތުން އެކަމުގެ ހިޔާލު ދެއްވައިގެން ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކަންކަން ނުކޮށްފިނަމަ އެ ސިނާއީ ސަރަހައްދެއް ނޯންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ބައްދަލަވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުންގެ ވާހަކައިންވެސް ވިލިމާލެއަށް އަތުވެދާނެ ބަދަލަކާމެދު ކަންބޮޑުވުން ހުރިކަން ހާމަވެގެން ދިޔައެވެ.

ތިލަމާލެ ބްރިޖް އަޅަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބައެއް ހުސް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ